08 Jul 2024, 17:57
އިންގްލިޝް ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސްއަށް ކުޅެމުންދިޔަ މައިކަލް އޮލިސޭ ޖަރުމަނު ބުންޑެސްލީގާގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކްލަބް ކަމުގައިވާ ބަޔާން މިޔުނިކަށް ސޮއިކޮށްފިއެވެ.
ބޭރުގެ ނޫސްތަކުގައިވާ ގޮތުން، އޮލީސޭ ބަޔާންއަށް ސޮއިކޮށްފައިވަނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން 60 މިލިއަން ޔޫރޯގެ އަގަކަށެވެ.
އިނގިރޭސިވިލާތަށް އުފަން ނަމަވެސް މިއަހަރު ފަރަންސޭސިވިލާތުގެ، 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅޭ އުމުރުން 22 އަހަރުގެ އޮލިސޭ ވަނީ އޭނާ ޕެލަސްގައި ހޭދަކުރި ތިން އަހަރުގެ ތެރޭގައި 90 ފަހަރު އެޓީމަށް ކުޅެފައެވެ. ދެހާސް އެކާވީސް ވަނަ އަހަރު ރެޑިންއިން ޕެލަސްއަށް އޯލީސޭ ބަދަލުވެފައިވަނީ އަށް މިލިއަން ޕައުންޑްގެ އަގަކަށެވެ.
އޮލީސޭ ހޯދުމަށް ޗެލްސީ އާއި ނިއުކާސްލްއިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް އޮލިސޭ ބޭނުންވީ ބަޔާންއަށް ބަދަލުވާށެވެ. ބަޔާންގައި އޮލިސޭ މަސައްކަތް ކުރަމުންދާނީ ވަރަށް ފަހުން ޓީމުގެ ކޯޗު ކަމާހަވާލުވި ވިންސެންޓް ކޮމްޕެނީގެ ދަށުންނެވެ.
ބަޔާންއަށް ބަދަލުވުމަށްފަހު އޮލީސޭ ބުނީ ބަޔާން ފަދަ ވަރުގަދަ އަދި ބޮޑު ކްލަބަކަށް ކުޅުމުގެ ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ. އަދި މިއީ އޭނާއަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އޭނާ ހުރީވެސް މިފަދަ ފުރުސަތެއްގެ އިންތިޒާރުގައި ކަމަށް އޮލީސޭ ހާމަކުރިއެވެ.
އޮލިސޭ ބުނި ގޮތުގައި އޭނާ ބޭނުންވަނީ މިފެންވަރުގައި އޭނާއަށް އެހެން ކުޅުންތެރިންނެކޭ އެއްފެންވަރަށް ކުޅެވޭނެކަން ހާމަކޮށްދޭށެވެ. އަދި ކުރިއަށް އޮތް ސީޒަންގައި ބަޔާންއަށް ކާމިޔާބީ ހޯދައިދީ، ވީހާވެސް ގިނަ މުބާރާތްތަކެއް ކާމިޔަބު ކުރުމަށް އޭނާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށް އޮލީސޭ ބުނެފައިވެއެވެ.
އޭނާ ވަނީ ނިމިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގައި ކުޅުނު 19 މެޗުގައި 10 ލަނޑު ޕެލަސްއަށް ކާމިޔާބު ކޮށްދީފައެވެ. ފަރަންސޭސިވިލާތުން ވަނީ މިފަހަރުގެ އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ވާދަކުރާ ފަރަންސޭސި ޓީމުގައި އޭނާ ހިމަނާފައެވެ.
ބަޔާންއިން ދަނީ އޮލީސޭގެ އިތުރުން ފުލަމްއަށް ކުޅެމުންދާ ޕޯޗުގަލްގެ ޖާއޮ ޕާލީނިއޯ ގެންދިއުމަ ށްވެސް މަސައްކަތް ކުރަމުންނެވެ. ރިޕޯޓުތަކުގައިވާގޮތުން މިމުއާމަލާތުގެ އަގު 46 މިލިއަން ޕައުންޑަށް އެރުން ގާތެވެ.