19 Jun 2012, 14:35
އިސްލާމީ މަރުކަޒުގައި މިދިޔަ އަހަރު ބަހައްޓާފައި ހުރި ފަނޑު ފޮއްޓަކުން ވައްކަން ކުރި މީހަކު ހަ މަސް ދުވަހަށް އަރާވާލަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ފަންޑު ފޮށިން ވައްކަން ކުރުމުގެ ކުށް ސާބިތުވެގެން އަރުވާލަން އިއްޔެ ހުކުމް ކުރީ ހއ. ހޯރަފުށީ ފެރިދޫގޭ، މުހައްމަދު ވަހީދު ގެ މައްޗަށެވެ.
ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އިސްލާމީ މަރުކަޒުގެ ފަންޑު ފޮށިން ވައްކަން ކުރިކަމަށް ވަހީދު އިންކާރު ކުރި ނަމަވެސް ޝަރީއަތަށް ލިބުނު ހެއްކާއި ގަރީނާތަކަށް ބެލިއިރު ވަހީދު އެ ފޮށިން ފައިސާ ވަގަށް ނަގާފައިވާ ކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އޭނާ އަރުވާލަން ހުުމްކޮށްފައި ވަނީ އެއީ ވައްކަންކުރުމުގެ ކުށް ވަހީދުގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރަށްވާތީ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
"... ވައްކަން ކުރުމުގެ ކުށުން މުހައްމަދު ވަހީދު ކުއްވެެރިވެއްޖެ ކަމަށް ކަނޑައަޅައި، މިއީ މުހައްމަދު ވަހީދުގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ، މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަމަސް ދުވަހުގެ މުއްދަތަށް މުހައްމަދު ވަހީދު އަރުވާލުމަށް ހުކުމްކޮށް މައްސަލަ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.