ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިމިގްރޭޝަނުން ކުރިޔަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ހަ ބިދޭސީއަކު ރޭ ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ، އެ ރެއިޑު އޮޕަރޭޝަނުގެ ތެރެއިން، މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެ ރެއިޑު އޮޕަރޭޝަނުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބިދޭސީ ހަތަރު ފިރިހެނަކާއި ދެ އަންހެނުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރޭ ހިންގި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ އަންހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދަނީ -- ފޮޓޯ/ އިމިގްރޭޝަން

އެ އިދާރާއިން ބުނެފައިވަނީ މި އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަހީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ އިދާރާގެ މައިގަނޑު ފޯކަސް މި ވަގުތު ހުރީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަށް ކަމަށެވެ. އެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށެވެ.

ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީންނަށް ޚާއްސަކޮށްގެން ރޭ ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ/ އިމިގްރޭޝަން

އެ ގޮތުން ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާތީ އެ ފަދަ ތަންތަން ދެނެގަނެ، އެ ފަރާތްތަކާ މެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ ވިސްނުންހުރި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެ، ވިޔަފާރި ކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ ގޮތަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 1800 އަށްވުރެ ގިނަ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވައިލާފައިވެއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ދަނީ ބިދޭސީން އަތުލައިގަންނަމުންނެވެ. އިމިގްރޭޝަނުން ބުނެފައިވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދާ އެއްގޮތަށް އުޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

ރާއްްޖޭގައި ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހު އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވެއެވެ. އޭގެ ތެރޭގައި، ކާބޯތަކެތި ވިއްކުމުގެ ޚިދުމަތްތަކާއި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުމާއި އޮންލައިން ވިޔަފާރި ހިމެނޭ ގޮތަށް ރިޓެއިލް ޓްރޭޑް ހިމެނެއެވެ.