08 Jul 2024, 12:38
މިދިޔަ 19 ވަނަ ދައުރުގެ ފަހުކޮޅު ޕީއެންސީއާ ގުޅިވަޑައިގެން އޭރުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރުކަން ދީފިއެވެ.
ރިޔާސީ އިންތިޚާބު ވެސް ނިމުނު ފަހުން ނިހާދު ވަނީ އިދިކޮޅު އެމްޑީޕީ ދޫކޮށް، ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެއީ، އެއް ފަހަރާ އެމްޑީޕީން ނުކުމެ ޕީއެންސީއަށް ގުޅިވަޑައިގެން 13 މެންބަރުންގެ ތެރެއިން އެއް މެންބަރެވެ.
މި ސަރުކާރުގެ އިސް ބޭފުޅަކު 'ސަން'އަށް ވަނީ މިދިޔަ ހޮނިހިރު ދުވަހު ސްޓޭޓު މިނިސްޓަރުކަމަށް ނިހާދު އައްޔަންކުރިކަން ޔަގީންކޮށްދީފައެވެ. ސްޓޭޓު މިނިސްޓަރުންނަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 43،500 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ނިހާދު ހިމެނޭހެން އެމްޑީޕީގައި ތިއްބެވި 13 މެންބަރުން ޕީއެންސީއަށް ސޮއިކުރެއްވީ ޑިސެމްބަރު 28، 2023 ގައެވެ.
އޭގެ ފަހުން ބޭއްވި ވިހިވަނަ މަޖިލީސް އިންތިޚާބުގައި ނިހާދު ވާދައެއް ނުކުރައްވައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މާލީ ހާލަތާ ގުޅިގެން އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި ސިޔާސީ މަގާމުތައް މަދުކުރައްވާނެކަން ވެސް އިއުލާނުކުރައްވައިފައެވެ. އަދި، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވެސް އެ މަނިކުފާނު ވަނީ ކޮންމެހެން އައްޔަންކުރައްވަންޖެހޭ ބޭފުޅެއް ނޫނީ ދެން ސިޔާސީ މަގާމުތަކަށް އައްޔަންނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، މާލީ ގޮންޖެހުންތަކުން އަރައިގަންނަން ރައީސް ރޭ ވެސް ބޮޑެތި ބަދަލުތަކެއް އިއުލާނުކުރެއްވިއެވެ.
އެ ގޮތުން، ކައުންސިލަރުންގެ އަދަދު މަދުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވެސް 77 ގައި ހިފަހައްޓަން ހުށަހަޅުއްވާނެ ކަމަށް ރައީސް ރޭ އިއުލާނުކުރެއްވިއެވެ. އަދި، މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލަން ހުށަހަޅުއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.