ކޮޕީރައިޓްގެ ހައްގުތައް ހިމާޔަތްކުރާ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުން ހިމެނޭ ގޮތަށް ގާނޫނަށް 44 އިސްލާހެއް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ގެންނަ އިސްލާހުތައް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއެވެ.

މިއަދުގެ ޖަލްސާގައި ވަނީ މި ބިލަށް ބަހުސްކުރުން ކުރިއަށް ގެންގޮސްފައެވެ.

މި ގާނޫނަށް ވަނީ 44 އިސްލާހެއް ހުށަހަޅާފައެވެ. ހުށަހަޅާފައިވާ އިސްލާހުތަކަށް ބަލާއިރު، ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުން ހިމެނެއެވެ.

މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތް ކުރެވޭނީ، އެ އުފެއްދުމެއް ހުށަހަޅައިދޭ ގޮތަށް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގުސަދަށް ބަލައިގެން ނޫންކަމަށް ބިލުގައިވެއެވެ.

ހަމައެއާ އެކު ބިލުގައިވަނީ ކޮޕީރައިޓުގެ ވެރިފަރާތުން އެހެން ފަރާތަކަށް ހުއްދަދީފައިނުވާ ހިނދެއްގައި އެ އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އާންމުންނަށް ވިއްކުން ނުވަތަ ކުއްޔަށް ދިނުމަށް ނުވަތަ އާންމުންނަށް ދޫކޮށްގެން ނުވާނެ ކަމަށެވެ.

ބަހުސްގެ ވަގުތުގައި ސައުދާ ވިދާޅުވީ، މި ބިލުގެ ބޭނުމަކީ ކޮޕީ ރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ ދަށުން ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާ ގުޅޭ އެ ނޫން ވެސް ހައްގުތަކާ ބެހޭ ކަންކަން އިތުރަށް ތަފުސީލުކުރުން ކަމަށެވެ.

އޭގެ ތެރޭގައި ކޮޕީ ރައިޓްސްގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެ، ގާނޫނަކަށް ބަދަލުވުމުން ދިވެހި އާޓިސްޓުންނަށް މަސައްކަތްތައް ބައިނަލްއަގުވާމީ ބާޒާރަށް ވިއްކުމަށް ފުރުސަތުތައް ފަހިވާނެ ކަމަށް ސައުދާ ވިދާޅުވިއެވެ. އަދި، އެ ކަމުން ނަފާ ހޯދުމުގެ ހައްގު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބިލަށް ބަހުސްކުރައްވާ މެންބަރުން ވަނީ މިއީ ވަރަށް ރަނގަޅު އިސްލާހުތަކެއްކަން ފާހަގަކުރައްވާ މި އިސްލާހުތަކަށް ތާއީދުކުރާކަން ހާމަކުރައްވާފައެވެ.

މި ބިލުގައި ހުށަހަޅާފައިވާ އިތުރު ކަންކަމުގެ ތެރޭގައި ލިޔުމުގެ އަސްލީ އުފެއްދުންތަކާއި، މިއުޒިކީ އަސްލީ އުފެއްދުންތައް އަދި އަސްލީ ފަންނުވެރި އުފެއްދުންތައް ކަމަށް ގާނޫނުގައިވާ މާއްދާއަށް ނަންބަރެއް އިތުރުކޮށް އޭގައި އޯޑިއޯ ވިޝުއަލް މަސައްކަތްތައް ހިމެނުމެވެ.

އަދި، އޯޑިއޯ ރެކޯޑިންއާއި، ސެޓްލައިޓް، އިންޓަނެޓް، އަދި ކޭބަލް މެދުވެރިކޮށްކުރެވޭ ބްރޯޑްކާސްޓު ހިމެނުމެވެ.

މީގެ އިތުރުން، ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ހައްގަކަށް އަރައިގަތްފިނަމަ އަދަބުގެ ގޮތުގައި އޭގެ ކުޑަބޮޑު މިނަށް ބަލައި 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް އިސްލާހުގައިވަނީ ހިމަނާފައެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

މިހާރު އަމަލުކުރަމުންދާ ކޮޕީރައިޓް ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އޭރުގެ ރައީސް މުޙައްމަދު ނަޝީދު ތަސްދީގުކުރެއްވީ 2010 ގައެވެ.