ކޯޓުގެ ހުރުމަތް ކަނަޑާލުމުގެ ކުށުގައި ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އައްބާސް ހަތަރު މަހަށް ޖަލަށްލާން ކޮނޑޭ މެޖިސްޓޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

މިއީ މިފަދަ ކުށެއް ކައުންސިލަރެއްގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރެވެ.

ކޮނޑޭ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދައުވާ ކުރާ ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުވާން އަހުމަދު އައްބާސަށް ފޮނުވި ތިން އަމުރަށް ވެސް އޭނާ ތަބާވެފައި ނުވާކަން ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ.

ކައުންސިލް އިދާރާގެ އިސް މަގާމެއްގައި ހުރެ ކޯޓުގެ ހުރުމަތް ކަނޑާލުމަކީ ޝަރުއީ ދާއިރާއާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދަން އައްބާސް ކުރެއްވި ގާނޫނާއި ގަވާއިދާއި ޚިލާފު ކަމެއް ކަމަށް ވެސް ހުކުމުގައި ވެއެވެ. އަދި ބުނެފައި ވަނީ ކޯޓް އަމުރާ އެއްގޮތަށް އައްބާސް ކޯޓަށް ހާޒިރުވެފައި ނުވަނީ ކޯޓްގެ ހުރުމަތް ކަނޑާލުމުގެ ގޮތުން ގަސްތުގައި ކަމަށް ކަނޑައަޅައި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާއި ބެހޭ ގަވާއިދުގެ ތިން ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އައްބާސް ހަތަރު މަހަށް ޖަލަށްލާން ހުކުމް ކުރީ ކަމަށެވެ.

"... އަހުމަދު އައްބާސްގެ މި އަމަލަކީ ކޯޓުގެ ހުރުމަތް ރާއްކާތެރިކުރުމުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާއާއި ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ތިން ވަނަ މާއްދާއާއި އެ ގަވާއިދުގެ ފަސްވަނަ މާއްދާ އާއި ޚިލާފަށް ހުވަދު އަތޮޅު އުތުރުބުރީ ކޮނޑޭ ހުވަނދުގޭ އަހުމަދު އައްބާސް އަމަލުކޮށްފައިވާާތީ އޭނާގެ މި އަމަލަކީ ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ގޮތުން އޭނާ ގަސްތުގައި ކޮށްފައިވާ އަމަލެއްކަމަށް ކަނޑައަޅައި މީނާ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާއި ބެހޭ ގަވާއިދުގެ ތިން ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުވަދު އަތޮޅު އުތުރުބުރީ ކޮނޑޭ ހުވަނދުގޭ އަހުމަދު އައްބާސް ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފީމެވެ،" އެ ހުކުމްގައި ވެއެވެ.

އަހުމަދު އައްބާސް އަކީ އަމިއްލަ ގޮތުން ކައުންސިލަށް އިންތިޚާބުވި ބޭފުޅެކެވެ. އޭގެ ފަހުން އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު ފަހުން ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފަ އެވެ.

މީގެ އިތުރުން އެސްޓާސް އިން އޭނާ ގަތްތަކެއްޗަށް ފައިސާ ނުދައްކައިގެން އެސްޓާސް އިން ވެސް ވަނީ އެ ފައިސާ ހޯދަން އޭނާގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ.