08 Jul 2024, 07:41
އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީއާއި ނީތާ އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނީގެ ކުރިން ބާއްވަމުން އަންނަ ތަފާތު އެކިއެކި ހަފުލާތަކުގެ ތެރެއިން ހަފުލާއެއްގައި ހުށަހަޅައިދޭން ޖަސްޓިން ބީބާއަށް 10 މިލިއަން ޑޮލަރު ދީފިއެވެ.
މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ މުމްބާއީގައި ހުންނަ ޖިއޯ ވޯލްޑް ސެންޓަރުގެ ވިދުން އިތުރަށް ގަދަވެގެން ދިޔައީ އަނަންތާއި ރާދިކާގެ ކައިވެނީގެ ކުރިން ބޭއްވި 'ސަންގީތު ހަފްލާ'އަށް ބޮލީވުޑްގެ އިތުރުން އިންޑިއާގެ ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުން ދިއުމުންނެވެ.
މި ހަފުލާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ޚާއްސަ ހުށަހެޅުންތަކާ އެކުގައެވެ.
ބޮލީވުޑްގެ ރިޕޯޓުތައް ބުނާގޮތުން މި ހަފުލާގައި ޖަސްޓިން ބައިވެރިވެފައި ވަނީ 10 މިލިއަން އެމެރިކާ ޑޮލަރަށެވެ.
އިންޑިއާގެ ފިލްމު އިންޑަސްޓްރީއާ ގުޅުންހުރި ގިނަ ބަޔަކު ބައިވެރިވި މި ހަފުލާއިން ފިލްމީ ތަރިންނާއި އެ މީހުންގެ ފިރިން އަދި ބައެއް ތަރިން އެ މީހުންގެ ލޯބިވެރިންނާ އެކު ހަފުލާއަށް ދިޔައިރު މީޑިއާ ރިޕޯޓަރުން އަވަދިނެތި އުޅުނީ އެ މީސްމީހުންގެ ފޮޓޯތައް ނެގުމުގައެވެ.

މީޑިއާ ރިޕޯޓަރުންގެ ސަމާލުކަން އެންމެ ބޮޑަށް މި ހަފުލާގައި ހޯދި ޒުވާން ފިލްމީ ތަރިން ކަމަށްވާ ޚުޝީ ކަޕޫރު، ވެދަންގް ރައިނާ، ޚުޝީ ކަޕޫރު އަދި ލޯބިވެރިޔާ ޝީކަރު ޕަހަރިޔާ--ފޮޓޯ/ޕިންކްވިލާ
މި ހަފުލާއަށް ހާޒިރުވި ގިނަ ފަންނާނުން ޑިޒައިނަރު ހެދުންތަކުގައި އަގު ބޮޑު ގަހަނާތަކުން ޖަރީވެ، ޒީނަތްތެރިވެގެން ތިބިއިރު ބައެއް ފަންނާނުންގެ ހެދުންތަކާއި ގަހަނާތަކުގެ ލައްކައިން މަތީގައި އުޅޭކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މުކޭޝް އަމްބާނީގެ އާއިލާއަކީ ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ތަރިން އަދި އިންޑިއާގެ ފާހަގަކޮށްލެވޭ އެހެނިހެން ދާއިރާތަކުގެ މަގުބޫލު ފަރާތްތަކާ ވަރަށް ގާތް ގުޅުމެއް ބާއްވާ އާއިލާއެކެވެ.
އެހެންވެ، އަމްބާނީގެ އާއިލާއިން ބޭއްވޭ މިފަދަ ކޮންމެ ހަފުލާއަކަށް ވެސް ދިއުމަށް އެ ފަންނާނުންނަށް ދައުވަތު އެރުވެއެވެ.
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ މަދޫރީ ޑިކްސިޓް، އާލިއާ ބަޓް، ރަންބީރު ކަޕޫރު، ރަންވީރު ސިންގް، ދީޕިކާ ޕަދުކޯން، ވިކީ ކޯޝަލް، ޖާންވީ ކަޕޫރު، ޚުޝީ ކަޕޫރު އަދި ސަލްމާން ޚާން ފަދަ ތަރިން ބައިވެރިވި މި ހަފުލާ ގިނަ ބަޔަކު ސިފަކޮށްފައިވަނީ ބޮލީވުޑްގެ ބްލޮކްބަސްޓައެއްގެ ގޮތުގައެވެ.