"ރޭސް ފޯ ޓައިނީ ހާޓްސް" ގެ ނަމުގައި ޓައިނީ ހާޓްސް މޯލްޑިވްސްގެ ފަރާތުން ވަރަށް ހާއްސަ އިވެންޓެއް ބާއްވަން ހަމަޖައްސައިފި އެވެ.

ޓައިނީ ހާޓްސްގެ ބޯޑް މެންބަރު، ރިޔަމް ހަނާ މިއަދު ވިދާޅުވީ މި އިވެންޓް ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ޖުލައި މަހުގެ ހަ ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކަމަށާއި މި އިވެންޓްގައި ބައިވެރިވެވޭނީ ޕްރީސް ސްކޫލްގެ ކުދިންނަށް ކަމަށެވެ. އަދި މިހާރު ސްކޫލްތަކަށް މިއިވެންޓާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓައިނީ ހާޓްސްގެ މިއިވެންޓްގެ ހާއްސަ ކަމެއްގެ ގޮތުގައި ރޭހުގައި ބައިވެރިވާ ހުރިހާ ކުދިން ވެސް ބައިވެރިވާނީ ކޮންމެވެސް ކަހަލަ ފެންސީ ހެދުމެއްގަ އެވެ.

ޓައިނީ ހާޓް އިން ބުނީ އިވެންޓްގެ ބޭނުމަކީ ކުޑަ އިރުއްސުރެ ރަނގަޅު ސިއްހަތެއްގައި ހުރުމަކީ ކިހާވަރެއްގެ މުހިންމު ކަމެއް ކަން އަންގައިދިނުން ކަމަށާއި މިއިވެންޓް ކުރިއަށް ގެންދާނީ ކުޑަކުދިން ގަޔާވާފަދަ ގޮތަކަށް ކަމަށެވެ.

"ހުރިހާ ކުދިންވެސް ބައިވެރިވާނީ ފެންސީ ޑްރެސްއެއްގައި. މި އިވެންޓްގެ މައިގަނޑު ބޭނުމަކީ ހުރިހާ އެންމެންނަށް ވެސް ހެލްތީ ލިވިންގް ސްޓައިލެއްގެ މުހިންމު ކަން ކުޑައިރުއްސުރެ އަންގައިދިނުން،" ހަނާ ވިދާޅުވި އެވެ.

އުފެދުމުގައި ހިތުގެ މައްސަލަ ހުރި ކުއްޖެއްގެ ފުރާނަ ގެއްލުމާއި ގުޅިގެން އެފަދަ އެހެން ކުދިން ސަލާމަތްކުރުމަށް 2009 ވަނަ އަހަރު އުފެދުނު ޓައިނީ ހާޓްސްއިން ވަނީ މިފަދަ ތަފާތު ޕްރޮގްރާމްތަކެއް ހިންގާފަ އެވެ.