07 Jul 2024, 13:01
މަޖީދިއްޔާ ސުކޫލު ސަރަހައްދުގައި ހުރި ސްޓެލްކޯ ސަބް-ސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް، ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ 32 އަހަރުގެ ފިރިހެނެކެވެ.
މިފަހަކަށް އައިސް މާލެއާއި މާލެ ސަރަހައްދުގައި ހުންނަ މިސްކިތްތަކުން ވައްކަންކުރާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
ނަމަވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މެއި މަހާ އަޅާ ބަލާއިރު، މިދިޔަ ޖޫންމަހު ފުލުހުންނަށް ރިޕޯޓް ކުރި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ މަދުވެފައެވެ.
މިކަމާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުށުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރަށް މާބޮޑު ބަދަލެއް ނައިނަމަވެސް މެއި މަހާ އަޅާބަލާއިރު ޖޫން މަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުވުމަކީ ލިބޭ ހިތްވަރެއް ކަމަށެވެ.