މާލޭގައި ހުކުރު ކުރާ މިސްކިތްތަކުގެ ތެރެއިން ކޮންމެވެސް އެއް މިސްކިތެއްގައި އަންނަ ރޯދަ މަހު އިނގިރޭސި ބަހުން ހުކުރު ހުތުބާ ކިޔާގޮތަށް ހަމަޖައްސައިފި އެވެ.

އިސްލާމިކު މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ މާލޭގެ މިސްކިތެއްގައި އިނގިރޭސި ބަހުން ހުކުރު ހުތުބާ ކިޔަން ނިންމީ އަޖުމަ ބެލުމުގެ ގޮތުން ކަމަށާއި އެއީ ތަރުހީބު ލިބޭ ކަމަކަށް ވެއްޖެނަމަ ރޯދަ ނިމުމުން އިނގިރޭސީ ހުތުބާ އެ މިސްކިތުގައި ދާއިމީ ކުރަން ވިސްނަވާ ކަމަށެވެ.

ވިދާޅުވީ ރާއްޖޭގައި އިނގިރޭސި ބަހުން ދީނީ ތައުލީމު ހާސިލްކޮށްގެން ތިއްބެވި ބޭފުޅުންނަށް އިނގިރޭސި ބަހުން ހުކުރު ހުތުބާ ވިދާޅުވެވޭނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ރާއްޖޭގައި ދިރިއުޅޭ ބޭރުގެ މުސްލިމުންނަށް ދީނުގެ ކަންކަން އޮޅުން ފިލުވައި ދިނުމަށް އިނގިރޭސިބަހުން ހުތުބާ ދިނުން މުހިންމު ކަމަށް ފެންނާތީ އެގޮތަށް ނިންމެވީ ކަމަށް ވެސް ވިދާޅުވި އެވެ.

"ރޯދަ މަހުގައި އެކަން ތަޖުރިބާ ކޮށްލުމަށް މިހާރު ވިސްނާފައި އޮތީ. އެއީ ރާއްޖޭގައި މުސްލިމު ޑިޕޮލޮމޭޓްން އެބަތިއްބެވި އަދި ޓީޗަރުންނާއި އެފަދަ ގިނަ އަދައެއްގެ ބަޔަކު އެބަތިބި. ހުކުރު ހުތުބާ ދިވެހި ބަހުން ވިދާޅުވީމަ އެމީހުންނަކަށް އެއެއް ނޭނގޭ. ދިވެހި ބަހުން ހުކުރު ހުތުބާ ވިދާޅުވީމަ އެމީހުންނަށް އެކަމުން ލިބެންޖެހޭ ފައިދާ ނުލިބޭތީވެ އެމީހުންނަށް ވެސް ތަރުބިއްޔަތެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ އިނިގިރޭސިން ހުތުބާ ކިއީމަ،" ޝަހީމް ވިދާޅުވި އެވެ.

ރޯދަ މަހު މިސްކިތެއްގައި އިނގިރޭސި ބަހުން ހުކުރު ހުތުބާ ކިޔަން ނިންމި ނަމަވެސް އެއީ ކޮން މިިސްކިތެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ. އަދި އިނގިރޭސި ބަހުން ހުތުބާ ލިޔުމާ ބެހޭ ގޮތުން ވެސް މައުލޫމާތެއް ނުދެއްވަ އެވެ.