07 Jul 2024, 12:09
އެމެރިކާގައި މިހާރު ކުރިއަށްދާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން އުރުގުއާއީ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީފައިނަލުން އުރުގުއާއީ ޖާގަހޯދީ މިއަދު ހެނދުނު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ބްރެޒިލާ ބައްދަލުކުރި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވުމުން ޕެނަލްޓީ ޖަހައިގެން 4-2 ގޯލުންނެވެ.
ލާސް ވޭގާސްގެ އެލީޖިއަންޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނައިރު ބްރެޒިލްއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އުރުގުއާއީ އިންނެވެ.
މިހެން ދެންނެވި ނަމަވެސް ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ އިތުރީ ބްރެޒިލްގެއެވެ. އަދި މި ފަހަރުގެ މުބާރާތުގައި ގިނަ ލަނޑުތަކެއް ޖަހާފައިވާ އުރުގުއާއީއަށް މި މެޗުގައި ބްރެޒިލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.
އުރުގުއާއީ އާއި ބްރެޒިލްއިން ވެސް ވަނީ މިމެޗުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް މި ހަމަލާތައް ނިންމާލުމުގައި ދެ ޓީމަށް ވެސް މައްސަލަތަކާ ކުރިމަތިވިކަން ފާހަގަވިއެވެ.
މި މެޗުގެ 74 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވަޑް ރޮޑްރިގޯއަށް ކުރި ފައުލަކާއި ގުޅިގެން އުރުގުއާއީގެ ނަހިޓާން ނަންޑޭޒްއަށް ވަނީ ރެފްރީ ރަތްކާޑު ދައްކާފައެވެ.
ނަމަވެސް ނަންޑޭޒްއަށް ރަތް ކާޑު ދައްކާފައިވަނީ ވީއޭއާރުން ބެލުމަށްފަހު އޭނާއަށް ދެއްކި ރީނދޫ ކާޑު ރަތް ކާޑަކަށް ބަދަލުކުރުމަށް ލަފާދިނުމާއި ގުޅިގެންނެވެ. މިއާއެކު މެޗުގެ ބާކީ 15 މިނެޓު އުރުގުއާއީއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.
ނަމަވެސް ބްރެޒިލަށް ވަނީ މި ކަމުގެ ފައިދާ ނެގޭގޮތް ނުވެފައެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުމެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި އުރުގުއާއީގެ ފުރަތަމަ ޕެނަލްޓީ ފެޑެރީކޯ ވަލްވާޑޭ ކާމިޔާބު ކުރި ނަމަވެސް ބްރެޒިލްގެ އެޑާ މިލިޓާއޯ ޖެހި ފުރަތަމަ ޕެނަލްޓީ ވަނީ އުރުގުއާއީގެ ކީޕާ ސާޖިއޯ ރޮޝޭޓު ދިފާއުކޮށްފައެވެ.
ދެ ޓީމުގެ ވެސް ދެވަނަ ޕެނަލްޓީ ރޮޑްރިގޯ ބެންޓަންކޫ އާއި އެންޑްރިއާސް ޕެރެއިރާ ކާމިޔާބު ކުރިއެވެ. އަދި އުރުގުއާއީގެ ތިންވަނަ ޕެނަލްޓީ ޖިއޯޖިއަން ޑި އަރަސްކައެޓާ ކާމިޔާބު ކުރި ނަމަވެސް ބްރެޒިލްގެ ތިންވަނަ ޕެނަލްޓީ ޑަގްލަސް ލުއިސް ޖެހުމުން އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
މިއާއެކު ޕެނަލްޓީ ޝޫޓް އައުޓް އުރުގުއާއީ އަށް ކާމިޔާބު ކޮށްދިނުމަށް ހޮސޭ މާރިއާ ގިމެނޭޒްއަށް ލިބުނު ފުރުސަތުގައި އޭނާއަށް އެ ޕެނަލްޓީ ކާމިޔާބުވާ ގޮތެއް ނުވިއެވެ. ބްރެޒިލްގެ ހަތަރު ވަނަ ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގެބްރިއެލް މާޓިނެއްލީއެވެ.
މިއާއެކު އުރުގުއާއީ ސެމީ ފައިނަލަށް ގެންގޮސްދިން ފަހު ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެނުއެލް އުގާޓޭއެވެ. މި ލަނޑާއެކު 4-2 ލަނޑުން އުރުގުއާއީ މި މެޗު ކާމިޔާބު ކުރިއެވެ.
މި ކާމިޔާބީއާއެކު މި މުބާރާތުގެ ސެމީފައިނަލްގައި އުރުގުއާއީ ބައްދަލުކުރާނީ ކޮލޮމްބިއާ އާއެވެ. ކޮލޮމްބިއާ ސެމީފައިނަލުން ޖާގަހޯދީ ޕެނަމާ ފަސޭހަ ކަމާއެކު ބަލިކޮށްގެންނެވެ.
ސެމީފައިނަލްގެ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ ބުރާސްފަތި ދުވަހުގެ ފަތިހު ފަހެއް ޖަހާއިރު ނޯތު ކެރޮލައިނާގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައެވެ.