07 Jul 2024, 10:23
ރައްޔިތުންގެ މަޖިލިސް ކުރިމަތީ ހުންނަ ޕާކިން ޒޯނުގައި ބަހައްޓާފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މިދިޔަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ ތިން ސައިކަލެއްގައި ރޯކޮށްލި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ ފަހެއްގައި ހައްޔަރުކުރީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދަށް ފުރަތަމަ ޖެހި 30 ދުވަހުގެ މުއްދަތު ހަމަވުމުން އިއްޔެ އޭނާ ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހަށް ހާޒިރުކުރިއެވެ.
އިއްޔެގެ ކޯޓު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ދައުވާ ކުރުމަށް ތައްޔާރުވަމުންދާތީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން ވަނީ އެދިފައެވެ.
އެ ކުށުގެ އަމަލު ހިންގައިފައިވާ ގޮތުން އެކަމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭ ކަމަށާއި އޭނާ ކުރިކަމަށް ތުހުމަތު ކުރާ ކުށުގެ އަމަލު ހިންގާފައިވާ ގޮތުން އެތައް ބައެއްގެ މުދަލަށް އަދި ފުރާނައަށް ގެއްލުންވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށް އަމުރުގައިވެއެވެ.
އެ މައްސަލައިގައި ހުށަހަޅައިފައިވާ ފުޓެޖްގެ ސްނެޕްޝޮޓާއި ޕްރޮސިކިއުޝަނުން ހުށަހަޅައިވާ އެހެނިހެން ލިޔުންތަކަށް ބަލާއިރު، އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުށަހަޅައިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވެއެވެ.
އެ މީހާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް މީހެއްކަން ފާހަގަކޮށް، ކޯޓުން ނިންމައިފައިވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.
އެ މައްސަލައިގެ ފަހުން ވެސް މާލޭގައި ސައިކަލުތަކެއްގައި ރޯވުމުގެ މައްސަލައެއް ހިނގާފައިވެއެވެ. އެގޮތުން މިދިޔަ މަހު 16ގައި ހެންވޭރުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯވެ، ފަސް ސައިކަލެއް ބޭނުންނުކުރެވޭ ވަރުވިއެވެ.
ނަމަވެސް އެ ސައިކަލުތަކުގައި ބަޔަކު ގަސްތުގައި ރޯކޮށްލީކަމުގެ ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.