07 Jul 2024, 12:00
ރަޝިއާގެ ކަމާބެހޭ ފަރާތްތަކުގެ އެދުމުގެ މަތިން, މަޝްހޫރު ވީޕީއެން އެޕްތަކެއް އެޕަލް އެޕް ސްޓޯއިން ނަގައިފިއެވެ.
އެޕަލްއިން މިއަދު ހާމަކުރި ގޮތުގައި، ރަޝިއާގެ އޮތޯރިޓީތަކުގެ އެދުމުގެ މަތިން އެ ގައުމުގައި ބޭނުންކުރާ އެޕް ސްޓޯރުން ނެގި އެޕްތަކުގެ ތެރޭގައި ނޯޑްވީޕީއެން އާއި ޕްރޮޓޮން ވީޕީއެން އާއި ރެޑްޝީލްޑް ވީޕީއެން އަދި ލީ ވީޕީއެން ހިމެނެއެވެ.
އެޕަލްއިން މި އެޕްތަކުގެ ވެރިފަރާތްތަކަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ، މި އެޕްތައް ނެގީ ރަޝިއާގެ މީޑިއާ ރެގިއުލޭޓަރު ކަމަށްވާ ރޮސްކޮމްނަޑްޒޯގެ އިރުޝާދުގެ މަތިން ކަމަށެވެ. އެއީ މި އެޕްތަކުގައި "ރަޝިއާގައި ޤާނޫނާ ޚިލާފު" މަޢުލޫމާތު ހިމެނޭތީ ކަމަށް އެޕަލްއިން ބުނެފައިވެއެވެ.
ނަމަވެސް، ނޯޑްވީޕީއެންއިން ބުނެފައިވަނީ އެ ކުންފުނިން އަމިއްލައަށް މިދިޔަ އަހަރު ރަޝިއާގެ އެޕް ސްޓޯތަކުން އެ ކުންފުނީގެ އެޕްތައް ނަގާފައިވާ ކަމަށެވެ.
ލީ ވީޕީއެންއިން ވެސް ބުނީ އެ ކުންފުނީގެ އެޕް ނަގާފައިވާކަން ކަށަވަރުކޮށްދީ، ބްލޮކްތައް ބައިޕާސްކުރުމަށް "ލީ ވީޕީއެން ގިވް" ގެ ނަމުގައި އައު ޚިދުމަތެއް ތަޢާރަފުކުރާނެކަން އިޢުލާނުކޮށްފައިވާނެ ކަމަށެވެ.
މި ފިޔަވަޅު އެޅުމުގެ ސަބަބުން ރަޝިއާގައި ތިބި ގިނަ ބަޔަކަށް ބޭރު ދުނިޔެއާ ގުޅުން ބޭއްވުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.
މި ފިޔަވަޅަކީ 2022 ވަނަ އަހަރު ޔުކްރެއިންއަށް ހަމަލާދިނުމަށްފަހު، ރަޝިއާއިން އެގައުމަށް ބޭރުގެ މަޢުލޫމާތު ލިބުން ހަނިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. ވީޕީއެންތަކަކީ ރަޝިއާގެ ރައްޔިތުން ސެންސަރުނުކުރާ މަޢުލޫމާތު ލިބުމަށާއި ރައްކާތެރިކަމާއެކު މުވާސަލާތުކުރުމަށް ބޭނުންކުރާ މުހިންމު ޓޫލްތަކެކެވެ.
ރަޝިއާގައި ވީޕީއެން ބޭނުންކުރުން މިހާތަނަށް ޤާނޫނާ ޚިލާފު ކަމަކަށް ނުވިޔަސް، އެފަދަ އެޕްތައް އިޝްތިހާރުކުރުމާއި ޕްރޮމޯޓްކުރުން ވަނީ މަނާކޮށްފައެވެ.
ރަޝިއާގެ ޔޫޒަރުންނަށް އެހެން ގޮތްތައް ވެސް އެބަހުއްޓެވެ. މިގޮތުން އަދިވެސް ރަޝިއާގައި ލިބެންހުރި އެހެން ވީޕީއެންތައް ބޭނުންކުރުމާއި، ހިލޭ ވީޕީއެންތައް ބޭނުންކޮށްގެން ވީޕީއެން ޕްރޮވައިޑަރުންގެ ވެބްސައިޓުތަކުން ސީދާ އެޕްލިކޭޝަންތައް ޑައުންލޯޑުކުރުން ހިމެނެއެވެ.
މިދިޔަ އަހަރު ހެދި ސާވޭއަކުން ދައްކާގޮތުގައި ރަޝިއާގެ 25 އިންސައްތަ މީހުން ވީޕީއެން ބޭނުންކުރެއެވެ.