07 Jul 2024, 00:27
މި ވަގުތު ވިސްނުން ހުރީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަށް ކަމަށާއި، އެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިޔަށްދާނެ ކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު މިރޭ ވިދާޅުވެއްޖެއެވެ.
ޝަމްއާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވަގުތު އިމިގްރޭޝަނުގެ ވިސްނުން ހުރީ ރައްޔިތުން ކުރަމުންގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ޝާމިލުވެ، ވިޔަފާރި ކުރަމުންދާތީ އެ ފަދަ ތަންތަން ދެނެގަންނަން ކަމަށެވެ. އަދި އެ ފަރާތްތައް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް، އިމިގްރޭޝަން ޤާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ކަމަށެވެ.
އިމިގްރޭޝަނުން މަސައްކަތް ކުރަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ދިމާވެފައިވާ މި މައްސަލަ ހައްލު ކުރުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިޔަށްދާނެ ކަމަށް ވިދާޅުވިއެވެ.
އިިއްޔެ ވަނީ ހުޅުމާލޭގައި ކޮފީ ވިއްކާ ވިޔަފާރިތަކެއް ގަވައިދާ ޚިލާފަށް ހިންގި އަށް ބިދޭސީން، ފުލުހުންނާއި އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެ، ވިޔަފާރި ކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 1800 އަށްވުރެ ގިނަ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވައިލައިފައިވެއެވެ.
ރާއްްޖޭގައި ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހު އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވެއެވެ. އޭގެ ތެރޭގައި ކާބޯތަކެތި ވިއްކުމުގެ ޚިދުމަތްތަކާއި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުމާއި އޮންލައިން ވިޔަފާރި ހިމެނޭ ގޮތަށް ރިޓެއިލް ޓްރޭޑް ހިމެނެއެވެ.