19 Jun 2012, 12:49
ސައްތައިން ސައްތަ ރިކޯޑެއް ގާއިމްކޮށް، ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާއެއް ކަށަވަރު ކުރި ނަމަވެސް ކުރިއަށް އޮތް ގްރީސް މެޗަކީ ފަސޭހަ ވާނެ މެޗެއް ނޫން ކަމަށް ޖަރުމަންގެ ކޯޗް ޔޯކިމް ލޯ ބުނެފި އެވެ.
ގްރޫޕްގެ އެއްވަނަ ޖަރުމަނަށް ލިބުނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ޖުމްލަ ނުވަ ޕޮއިންޓް ހޯދުމުން ނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގައި ގްރޫޕް އޭ ފަޅިން ދެ ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދި ގްރީސްއާ ދެކޮޅަށް ނިކުތުމުގެ ކުރިން ޖަރުމަންގެ ކޯޗް ޔޯކިމް ލޯ ބުނީ، ގްރީސް އަކީ ބަލިޓީމެއް ނޫން ކަމަށާއި މުބާރާތުގެ ކުއާޓާފައިނަލުން ގްރީސް ވެސް ޖާގައެއް ހޯދީ ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އެހެން ކަމުން ގްރީސްގެ މެޗަށް ޖަރުމަނުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި ގްރޫޕް ސްޓޭޖްގައި ހެދުނު ބައެއް މިސްޓޭކްތައް ގްރީސްގެ މެޗުގައި ރަނގަޅު ކުރުމަށް ވަރަށް މަސައްކަތް ކުރާނެ ކަމަށް ވެސް ޔޯކިމް ބުންޏެވެ.
"އަހަރުމެން ކުއާޓާ ފައިނަލުގައި ގްރީސްއާ ދެކޮޅަށް ނުކުންނާނީ ވަރަށް ފުރިހަމައަށް ތައްޔާރު ވެގެން. ގްރީސް މެޗަކީ ފަސޭހަ ވާނެ މެޗެއް ނޫން. ޓީމްގައި ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި" ޖަރުމަން ޓީމުގެ ކޯޗް ޔޯކިމް ބުންޏެވެ.
ޔޯކިމް ބުނީ، ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އެންމެ ފަހުން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމްގެ ފަރާތުން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަވި ކަމަށާއި އެކަންތައްތަކަކީ ލިބޭ ފުރުސަތުގެ ބޭނުން ނުހިފި އިދިކޮޅު ޓީމުގެ ކުޅުންތެރިންނަށް އެފުރުސަތުތައް ލިބެމުންދާ ތަން ކަމަށެވެ. ޑެންމާކާ ދެކޮޅަށް ގްރޫޕް ސްޓޭޖްގައި ކުޅުނު ފަހު މެޗް ޖަރުމަނުން ކާމިޔާބު ކުރީ 2-1 ލަނޑުން ނެވެ.
ގްރީސްއާ ދެކޮޅަށް ކުއާޓާފައިނަލުގައި ޖަރުމަން ނުކުންނަ އިރު، ޖަރުމަން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޔޫރޯ ކާމިޔާބު ކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއް ޖަރުމަނަށް ކާމިޔާބު ކުރެވުނީ 1972 ވަނަ އަހަރު ބެލްޖިއަމްގައި ބޭއްވި މުބާރާތުގައި 3-0 ލަނޑުން ޔޫއެސްއެސްއާރުގެ މައްޗަށް ކުރި ހޯދައިގެން ނެވެ. ދެވަނަ ފަހަރަށް ޖަރުމަނުން ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފައިވަނީ 1980 ވަނަ އަހަރު 1-2 ބެލްޒިއަމް އަތުން މޮޅުވެގެންނެވެ. އަދި ތިން ވަނަ ފަހަރަށް ޖަރުމަނުން ޔޫރޫ މުބާރާތް ކާމިޔާބު ކުރީ 1996 ވަނަ އަހަރު އިންގްލޭންޑުގައި ބެއްވި މުބާރާތުގައި ޗެކްރިޕްބްލިކްއާ ވަދަކޮށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ.