19 Jun 2012, 12:45
ތިލަފުށީގެ ބިން ހިއްކަން 21 މިލިއަން ޑޮލަރަށް ހެވީލޯޑާއި ހަވާލުކުރި މަޝްރޫއު ކުރިއަށް ނުގޮސް ގިނަ ދުވަސްވެފައިވާތީ އެ މައްސަލައިގައި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ ލަފަޔަކަށް ފިނޭންސް މިނިސްޓްރީން އެދެފި އެވެ.
ތިލަފުށީ ބިމަށް 157 ހެކްޓަރު އިތުރު ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ކުރީކޮޅު ހެވީލޯޑާއި ހަވާލުކުރީ ހަމަސް ދުވަސްތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް މަސައްކަތް ފެށިތާ ދުވަސްތަކެއް ނުވެ މަސައްކަތް ހެވީލޯޑުން ވަނީ ހުއްޓާލައިފަ އެވެ. އެ ޕްރޮޖެކްޓް ގެރެންޓީއަށް ހެވީލޯޑުން އިޝޫކޮށްފައިވާ 16.1 މިލިއަން ރުފިޔާގެ ޗެކްވެސް ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ބައުންސްވެފަ އެވެ.
އެ މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ ތިލަފުށީ ކޯޕަރޭޝަން (ޓީސީއެލް) އާ ހެވީލޯޑާއި ދެމެދު ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދާށެވެ. ޓީސީއެލްގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ އެ ޕްރޮޖެކްޓާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ފިނޭންސްގެ ދަށުގައިވާ ޕަބްލިކް އެންޓަޕްރައިޒް މޮނީޓަރިން އެންޑް އިވެލުއޭޝަން ބޯޑު (ޕެމެބް)އާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އެ ޕްރޮޖެކްޓާ މެދު ގޮތެއް ނިންމާނީ އެ ބޯޑުން، ދެން އަޅުގަނޑުމެންނަކާ މިހާރު ނުބެހޭނެ، އެކަން އޮންނާނީ މިހާރު އެބޯޑަށް ފޮނުވާފައި،" އޮފިޝަލް ވިދާޅުވި އެވެ.
ޕެމެބްގެ ބޯޑުގެ އޮފިޝަލަކު ސަން އޮންލައިން އަށް މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓް އިތުރަށް ކުރިއަށް ގެންދިޔުމާއި އަދި ހެވީ ލޯޑުގެ ގެރެންޓީ ޗެކް ބައުންސްވެފައިވާ މައްސަލަ އެ ބޯޑުން ބަލަމުން ގެންދާ ކަމަށާއި އެ މައްސަލައިގައި ބަންޑާރަ ނައިބުގެ ލަފަޔަކަށް މިހާރު އެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ޕްރޮޖެކްޓާ މެދު ގޮތެއް ނިންމާނީ ބަންޑާ ނައިބުގެ ލަފާ ލިބިގެން ކަމަށެވެ.
"ލަފަޔެއް ލިބުނީމަ ދެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ،" އޮފިޝަލް ވިދާޅުވި އެވެ.
ޓީސީއެލްއިން ބުނެފައިވަނީ 157 ހެކްޓަރުގެ ތެރެއިން ހިއްކިފައިވަނީ 32 ހެކްޓަރުގެ ބިންކަމަށެވެ. އެއީ އެ ޕްރޮޖެކްޓްގެ 20 ޕަސެންޓެވެ. ހެވީލޯޑަށް އެ ޕްރޮޖެކްޓް ޓީސީއެލްއިން ހަވާލުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ޕްރޮޖެކްޓް އެ ކުންފުންޏާއި ހަވާލުނުކުރުމަށް އަންގާފައި ވަނިކޮށެވެ.