06 Jul 2024, 20:48
ވޮޝިންޓަން (5 ޖުލައި 2024) : އެމެރިކާގެ ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަވާނީ ހަމައެކަނި ކަލާންގެ (ގޯޑު) އެކަމަށް އަމުރު ކުރެއްވުމުން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑެން އޭނާ ރިޔާސީ ރޭހުން އެއްފަރާތް ކުރަން މަސައްކަތްކުރާ ފަރާތްތަކަށް ރައްދު ދެއްވައިފިއެވެ.
ބައިޑެންގެ ބުއްދީގެ ބަލިކަށިކަމާ ގުޅިގެން އޭނާއަށް އިތުރު ހަތަރު އަހަރަށް އެމެރިކާގެ ރައީސްކަން ނުކުރެވޭނެކަމަށް ބުނެ ރިޔާސީ ރޭހުން ވަކިވުމަށް ގޮވާލާ ފަރާތްތަކަށް ރައްދު ދެއްވައި އޭބީސީ ޓީވީ ނެޓްވާކަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ ރިޔާސީ ރޭހުން ވަކިވާނެ އޮތީ އެންމެ ގޮތެއްކަމަށާއި އެއީ ކަލާންގެ (ގޯޑު) އެކަމަށް އަމަރު ކުރެއްވުން ކަމުގައެވެ.
ބައިޑެން އަކީ ނަސާރާއެކެވެ. ނަސާރާއިން އީމާންވާ ގޮތުގައި އީސާގެފާނަކީ ވެސް އިންސާނެއްގެ އިތުރުން ކަލާންގެއެކެވެ. ނަސާރާއިންނަކީ ﷲ ސުބްހާނަހޫ ވަތައާލާގެ އެއްކައުވަންތަކަމަށް އީމާންވާ ބައެއް ނޫނެވެ. އެ މީހުންނަކީ ﷲ ސުބްހާނަހޫ ވަތައާލާއަށް ޝިރުކު ކުރާ ބައެކެވެ. ނަސާރާއިން އީމާންވާ ގޮތުގައި މާތް ﷲ ސުބްހާނަހޫ ވަތައާލާއަކީ ތިން އިލާހުންކުރެ އިލާހެކެވެ. މިއީ ކުފުރުގެ ބަހެކެވެ. އެހެންކަމުން ނަސާރާއިން ކަލާންގެކަމަށް އީމާންވާ އީމާންވުމާއި މުސްލިމުން މާތްﷲ ސުބްހާނަހޫ ވަތައާލާއަށް އީމާންވާ އީމާންވުމާ މުޅިން ތަފާތެވެ.
މުސްކުޅި ބަލީގެ އަލާމާތްތައް ބައިޑެންގެ ކިބައިން ފާޅުކަންބޮޑު ގޮތެއްގައި ފެންނަމުން ދިޔަ ނަމަވެސް އޭނާ އެކަން ގަބޫލެއް ނުކުރައްވައެވެ. ބައިޑެން ވަނީ އޭނާގެ ސިކުނޑީގެ އުނިކަމެއް ހުރިތޯ ބަލަން މިނިވަންކަމާއެކު ޗެކަޕް އެއް ހެދުމަށް ވެސް ދެކޮޅު ހައްދަވާފައެވެ.
ވައިޓް ހައުސް އިންވަނީ މުސްކުޅި ބަލީގެ ނުކުޅެދުންތެރިކަން ބައިޑެންގެ ކިބާގައި އެއްވެސް ވަރަކަށް ނެތްކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. ނަމަވެސް ބައިޑެންއަކީ ހަނދާން ނެތުމުގެ މައްސަލަ ވަރަށް ބޮޑު ބޭފުޅެކެވެ. ހަނދާން ނެތިގެން ގައުމުތަކުގެ ނަންތަކާއި މީހުންގެ ނަންތައް ބައިޑެން ވަރަށް ގިނައިން ނުބައިކޮށް ވިދާޅުވެއެވެ.
އަދި ފާޚާނާ ނުފެނިގެން ކަމަށް ވިދާޅުވެ ރޭގަނޑު ދަންވަރު އޭނާ ވައިޓް ހައުސްގެ ގޯތި ތެރޭގައި ހިންގަވައެވެ. މިގޮތަށް ގިނިކަންޏާ ހިންގަވާއިރު ފާޚާނާ ކޮބައިތޯ ވައިޓް ހައުސްގެ މުވައްޒަފުންނާ އަދި ގާޑުންގެ ކައިރިން ވަރަށް ގިނައިން ސުވާލުކުރައްވައެވެ. މީގެއިތުރުން ބައިޑެންވަނީ އެތައް ފަހަރެއްގެ މަތިން ވެއްޓިވަޑައިގެންފައެވެ.
އޭބީސީއަށް ދިން ބަސްދީގަތުމުގައި އެ ޓީވީގެ ޕްރެޒެންޓަރު ޖޯޖް ސްޓެފަނޯޕުލަސް ބައިޑެންގެ ކައިރީގައި އޭނާގެ ސިކުނޑީގެ އުނިކަމެއް ހުރިތޯ ބަލަން މުސްތަގިއްލުކަމާއެކު ޗެކަޕްއެއް ހަދަން އެއްބަސްވެދާނެތޯ ސުވާލު ކުރެއްވުމުން ބައިޑެންވަނީ އެކަމާ ކަނޑައެޅިގެން ދެކޮޅު ހައްދަވާފައެވެ.
މީގެއިތުރުން ސްޓެފަނޯޕުލަސްވަނީ ވަރަށް މުހިއްމު އެހެން ސުވާލެއް ވެސް ބައިޑެން އާ ކުރައްވާފައެވެ. އެއީ ޓްރަމްޕްގެ މައްޗަށް ކުރި ނުހޯދޭނެކަން ޔަގީންވެއްޖެނަމަ ރިޔާސީ ރޭހުން ވަކިވެވަޑައިގެންފާނެތޯ ކުރެއްވި ސުވާލެވެ.
މިސުވާލުގެ ޖަވާބުގައި ބައިޑެން ވިދާޅުވީ ޓްރަމްޕްގެ މައްޗަށް ކާމިޔާބު ހޯދޭނެކަމުގެ ސައްތައިން އިންސައްތަ ޔަގީންކަން އެބައޮތް ކަމުގައެވެ. އެހެންކަމުން ރިޔާސީ ރޭހުން ވަކިވާނީ "ކަލާންގެ (ގޯޑު) ފާބައި ވަޑައިގެން ރިޔާސީ ރޭހުން ވަކިވާން އޭނާއަށް އަންގައިފި ހާލަތެއްގައި" ކަމަށް ބައިޑެންވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި އެމެރިކާގައި ބޭއްވި ރިޔާސީ ބަހުސްގައި ބައިޑެންވަނީ އޭނާގެ ވާދަވެރިޔާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ކުރިމަތިލައްވައިގެން ވަރަށް ބޮޑަށް ނާކާމިޔާބުވެ ވަޑައިގެންފައެވެ. މިމައްސަލާގައި ބައިޑެންއަށްވަނީ އޭނާގެ ޕާޓީގެ ތެރެއިންނާ ސަޕޯޓަރުންގެ ފަރާތުންނާ އަދި ކޭންޕޭނަށް ޚަރަދުކުރާ ފަރާތްތަކުގެ ކިބައިންވެސް ފިއްތުންތައް ކުރިމަތިވެފައެވެ.
ނަމަވެސް މިއިން އެއްވެސް ފިއްތުމަކަށް ބޯލެނބުމަށް ބައިޑެންވަނީ ދެކޮޅު ހައްދަވާފައެވެ. ބައިޑެން ވިދާޅުވިގޮތުގައި ރިޔާސީ ބަހުސްގައި ފެއިލް ވުމަކީ އޭނާގެ ހަޔާތުގައި ކުރި ސިޔާސީ މަސައްކަތްތައް ފެއިލް ވުމެއް ނޫނެވެ. އެމެރިކާގެ ރައްޔިތުން އޭނާއަށް ވޯޓުދޭނީ ރިޔާސީ ބަހުސްގެ ކާމިޔާބީއަށް ބަލާފައި ނޫންކަމަށާ ހަޔާތުގައި ކުރި ސިޔާސީ ކާމިޔާބު މަސައްކަތްތަކާއި ތަޖުރިބާއަށް ބަލާފައި ކަމަށް ބައިޑެން ވިދާޅުވިއެވެ.