ހުޅުމާލޭގައި ކޮފީ ވިއްކާ ވިޔަފާރިތަކެއް ގަވައިދާ ޚިލާފަށް ހިންގި އަށް ބިދޭސީން، ފުލުހުންނާއި އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އިއްޔެ ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިއްޔެ ހަވީރު "ޖޮއިންޓް ޓާސްކް ފޯސް" އިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެ އޮޕަރޭޝަނުގެ އަމާޒަކަށްވީ ޓޭކްއަވޭ ކޮފީ ޝޮޕް ވިޔަފާރިތައް ހިންގާކަމަށް ޝައްކުކުރެވޭ ތަންތަނުގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުން ކަމަށް އެ ޚިދުމަތުން ބުންޏެވެ.

އިއްޔެ ހިންގި އޮޕަރޭޝަނުގައި ތަހުގީގަށް އަށް ބިދޭސީން ހައްޔަރުކޮށްފައި ވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެ، ވިޔަފާރި ކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 1800އަށް ވުރެ ގިނަ ބިދޭސީން ގައުމަށް ފޮނުވައިލައިފައިވެއެވެ.

ރާއްްޖޭގައި ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހު އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވެއެވެ. އޭގެ ތެރޭގައި ކާބޯތަކެތި ވިއްކުމުގެ ޚިދުމަތްތަކާއި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުމާއި އޮންލައިން ވިޔަފާރި ހިމެނޭ ގޮތަށް ރިޓެއިލް ޓްރޭޑް ހިމެނެއެވެ.