06 Jul 2024, 12:24
ނުރައްކާތެރި ބައްޔެއްކަމަށްވާ މެނިންގޮކޯކަލްގެ ކޭހެއް ރާއްޖެއިން ފެނުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން ނިންމާލިއިރު، އެ ބައްޔަށް ޕޮޒިޓިވް އިތުރު ކޭހެއް ނެތް ކަމަށް އެ އެޖެންސީން ބުނެފިއެވެ.
މެނިންގޮކޯކަލްއަކީ ނައިސީރިއާ މެނިންޖައިޓިސް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ބައްޔެކެވެ. ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ފެތުރޭ އެ ބަލި ޖެހުމުން ހާލު ސީރިއަސްވުމުގެ ފުރުސަތު ބޮޑެވެ.
މެނިންގޮކޯކަލްގެ ކޭހެއް މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. އެއާއެކު އެޗްޕީއޭއިން ވަނީ ބައްޔަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓުން ދެނެގަނެ އެ މީހުންގެ ފަރުވާ ފަށައިފައެވެ.
މިކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން އެޗްޕީއޭއިން މިއަދު ބުނީ ކޮންޓެކްޓް ޓްރޭސިން އެއްކޮށް ނިންމާލިއިރު އިތުރު އެއްވެސް މީހަކު އެ ބައްޔަށް ޕޮޒިޓިވް ނުވާ ކަަމަށެވެ.
މީގެ ކުރިން އެޗްޕީއޭއިން ބުނި ގޮތުގައި ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.
މެނިންގޮކޯކަލް ބަލި ރާއްޖެއިން ފެނުނު ނަމަވެސް އެ ބަލި ރާއްޖޭގައި ފެތުރެމުންނުދާ ކަމަށާއި ބައްޔަށް ވެކްސިން ޖަހަންޖެހޭނީ ހައި-ރިސްކް މީހުން އެކަނި ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުންނަކީ:
ބަލިމީހާއާ އެއް ގެއެއްގައި ދިރިއުޅޭ މީހުން
- ބަލިމީހާއާ އެއްކޮށް ވަރަށް ގިނައިރު އެއް ބަހެއްގައި، ނުވަތަ އެއް މަތިންދާބޯޓެއްގައި ދަތުރުކުރި މީހުން
- ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުން
މެނިންގޮކޯކަލް ބަލި ދެ ބާވަތަކަށް ބެހޭއިރު އެއީ މެނިންޖައިޓިސް އާއި މެނިންގޮކޯކަލް ސެޕްސިސް އެވެ.
މެނިންޖައިޓިސް ޖެހުމުން, ސިކުނޑިއާއި ސްޕައިނަލް ކޯޑުގެ ވަށައިގެން ހުންނަ ދުލިފަށަލަ އިންފެކްޓުވެ, ދުޅަވެއެވެ.
މެނިންގޮކޯކަލް ސެޕްސިސް ނުވަތަ ލޭގެ އިންފެކްޝަން ޖެހުމުން, ބެކްޓީރިއާ ލޭގައި ދައުރުވެ, ލޭހޮޅިތަކަށް ގެއްލުންދެއެވެ. އޭގެ ސަބަބުން ގުނަވަންތަކުން ލޭ އަންނަން ފަށައެވެ.
މެނިންގޮކޯކަލް މެނިންޖައިޓިސް އާއި މެނިންގޮކޯކަލް ލޭގެ އިންފެކްޝަން ޖެހުމުން ފެންނަ އަލާމާތްތައް ތަފާތެވެ. ނަމަވެސް ދެ ބާވަތް ސީރިއަސް ވެފައި ނުރައްކާ ބޮޑެވެ.