19 Jun 2012, 12:46
އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހަން ކަނޑައަޅާފައިވާ 72ރ. އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން ދޫކުރަން އެ ކުންފުނިން ނިންމައިފި އެވެ.
އެސްޓީއޯ އިން މިއަދު ބުނީ ހިއްސާގެ ފައިދާ ދޫކުރަން ހަމަޖައްސާފައި ވަނީ އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އެސްޓީއޯގެ މައި އޮފީހުން ކަމަށެވެ. އަދި ބުނީ ހިއްސާގެ ފައިދާ ނަގަން އަންނަ އިރު އައިޑީކާޑުގެ ކޮޕީ ނުވަތަ ހިއްސާގެ ކޮޕީ ގެންނަން ޖެހޭނެ ކަމަށާއި އަދި ބަދަލުގައި އެހެން މީހަކު ފޮނުވާ ނަމަ އެ ފަރާތުގެ އައިޑީކާޑާއި އަދި އެކަމަށް އެދި ސިޓީއެއް ފޮނުވަން ޖެހޭނެ ކަމަށެވެ.
އެސްޓީއޯ އިން ބުނީ ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރަން މިހާރު ރަޖިސްޓުރީކޮށްފައިވާ ފަރާތްތަކަށް އެ ދުވަހު އެހިދުމަތް ލިބޭނެ ކަމަށާއި އަދި ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރުވުމަށް ފަހު ހުށައެޅުމުން އެހިދުމަތް ދޭނެ ކަމަށެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް ބަހަން ނިންމާފައިވާ 72ރ. ބަހަން ނިންމާފައި ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އަހަރީ އާންމު ޖަލްސާ ހިއްސާދާރުންގެ މެދުގައި ނެގި ވޯޓަކުނެވެ.