17 Aug 2010, 09:47
14:45
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގެ ސަރަހައްދުގައި ގްރޫޕަކުން ގޮސް 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލި މައްސަލައެއް ފުލުހުން ތަހްގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އަމަލު ހިންގާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:50 ހާއިރު، އެ އަންހެން ކުއްޖާ އޭނާގެ ވަރަށް ގާތް ރައްޓެހި ފިރިހެން ކުއްޖަކާ އެކު އާޓިފިޝަލް ބީޗުގައި ހުއްޓާ ގްރޫޕަކުން އެތަނަށް ގޮސް ކަމަށެވެ. އަދި އެ މައްސަލައިގެ ތަހަޤީޤް ކުރިއަށްދާތީ އިތުރު ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
މިދިޔަ ރޯދަ މަހު ވެސް ހަ މީހުންގެ ގުރޫޕަކުން ވަނީ އަންހެން ކުއްޖަކު ރޭޕްކޮށްލައިފަ އެވެ. އެ ފަހަރު އެއަމަލު ހިންގާފައި ވަނީ ހަވީރުގެ ވަގުތެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ކާނިވަލުގެ ސްޓޭޖް ފުރަގަހުގައި ހުންނަ ޗޭންޖިން ރޫމު ކައިރީގައި ފިރިހެން ކުއްޖަކާ އެކު ހުއްޓާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.