06 Mar 2010, 10:47
14:30
ޅ. ނައިފަރުގެ ޑީއާރުޕީގެ މެންބަރުންތަކަކަށް ނޭނގި އެމްޑީޕީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނާ މައްސަލަ އިލެކްޝަން ކޮމިޝަނުން ބަލާނީ އެ މައްސަލަ ރަސްމީ ސިފައެއްގައި ހުށަހެޅުމުން ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު މިއަދު ވިދާޅުވީ ނައިފަރުގެ ޑީއާރުޕީއަށް ނިސްބަތްވާ 200 އެއްހާ މެންބަރުންތަކަކަށް ނޭނގި އެމްޑީޕީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ ޑީއާރުޕީގެ ރަޖިސްޓްރާ މުހައްމަދު ސަލީމް ފޯނުން ގުޅުއްވާ އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލަ އެ ކޮމިޝަނުން ބަލާނީ ރަސްމީކޮށް އެ މައްސަލަ ހުށަހަޅައި، އެ މައްސަލަ ދިމާވި މީހުންގެ ފުރިހަމަ މައުލޫމާތާ ހެކި ކޮމިޝަނަށް ހުށަހެޅުމުން ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.
ޑީއާރުޕީގެ ރަޖިސްޓްރާ މުހައްމަދު ސަލީމް ވިދާޅުވީ އެމްޑީޕީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނާ މީހުންގެ ފާރާތުން ހޯދަންޖެހޭ ހެއްކާއި ފުރިހަމަ މައުލޫމާތު ހޯދުމަށްފަހު، ނައިފަރު ޑީއާރުޕީގެ ގޮފިން އިލެކްޝަން ކޮމިޝަނާއެކު މުއާމަލާތު ކުރާނެ ކަމަށެވެ.
މިދިޔަ މަހު އިލެކްޝަން ކޮމިޝަނާއި ޕާޓީތަކާއި އެކު ކުރި މަޝްވާރާތަކުގައި ޕާޓީތަކުން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ޕާޓީތަކުގެ މެންބަރުންނަށް ނޭނގި އެހެން ޕާޓީ ތަކުގައި ރަޖިސްޓްރީކުރާ މައްސަލަ ހުށަޙަޅާފައިވާ ކަމަށެވެ. އެގޮތަށް އެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޕާޓީތަކަށް ވަނުމަށް އިލެކްޝަން ކޮމިޝަނުން ހާއްސަ ފޯމެއް ތައްޔާރު ކުރަމުންދާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.