06 Jul 2024, 11:12
މާފަންނު ފުލޫނިޔާ މަގުގައި ހުރި ގެއެއްގެ ތިންވަނަ ފަންގިފިލާގައި އަލިފާން ރޯވެ, ދުމުގެ އަސަރުކުރި މީހުންގެ ހާލު މިހާރު ރަނގަޅު ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން މިއަދު ބުނެފިއެވެ.
"ސަން"އަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުން ބުނީ އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އެ ހޮސްޕިޓަަލަށް ފަރުވާއަށް ގެންދިޔައީ ހަތަރު މީހެއް ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ފަރުވާއަށްފަހު މިހާރު ޑިސްޗާޖް ކޮށްފައި ވާކަމަށެވެ. އަދި ބާކީ ތިބި ދެ މީހުންނަށް މިހާރު ވޯޑުގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.
އެ ހާދިސާ ހިނގީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.
މިހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ އަލިފާން ރޯވި އެޕާޓްމަންޓަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ އެޕާޓްމަންޓުގެ ސިޓިން ރޫމާއި ބަދިގެ ބައި އޮތީ އެއްކޮށް އަނދާފައި ކަމަށް އެންޑީއެމްއޭއިން ވަނީ މައުލޫމާތުދީފައެވެ.
އެ އެޕާޓްމެންޓުގައި ދިރިއުޅެމުންދިޔަ ހަތަރު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އާންމުކޮށް އެޕާޓްމެންޓުތަކުގައި މިފަދަ ހާދިސާތައް ހިނގަނީ ކަރަންޓު މައްސަލައެއް ދިމާވުމުން ނުވަތަ ގޭސް ލީކުވުމުންނެވެ.