06 Jul 2024, 09:54
ބޮލީވުޑްގެ މަގުބޫލު ބަތަލާ ހުމާ ޤުރެއިޝީ އަލަށް ސޮއިކުރި ފިލްމުގައި ފެންނާނީ ތަހުގީގުތައް ހިންގާ އޮފިސަރެއްގެ ރޯލްއިން ކަމަށް ބަތަލާ ބުނެފިއެވެ.
ބިކާސް މިޝްރާ ޑައިރެކްޓް ކުރާ އިންވެސްޓިގޭޓިވް ޑްރާމާގެ ނަމަކީ "ބަޔާން"އެވެ. ފިލްމަށް ސޮއިކުރިކަން އިއުލާނު ކުރަމުން ހުމާ ބުނެފައި ވަނީ މި ފިލްމުގެ މަސައްކަތް ފަށާނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވުނު ކަމަށާއި އެ ވަގުތު މިހާރު ކައިރިވެފައިވާއިރު ވަރަށް ބޮޑު އުފަލެއް އިހުސާސް ކުރެވޭ ކަމަށެވެ.
ފިލްމުގައި ގެނެސްދޭ ވާހަކައަކީ ވަރަށް އާދަޔާ ޚިލާފު ވާހަކައެއްގެ މައްޗަށް ބިނާކުރާ ފިލްމެއް ކަމަށާއި ފިލްމުގެ ކާސްޓުންގެ ކޮމްބިނޭޝަން ވަރަށް ޔުނީކްކަން ބަތަލާ ވަނީ ފާހަގަކޮށްފައެވެ.
ހުމާގެ އިތުރުން ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެ ތަރިންގެތެރޭ ޗަންދްރަޗޫރު ސިންގް އަދި ސަޗިން ކެދޭކަރު ހިމެނެއެވެ.

ހުމާ ފިލްމު "ބަޔާން"ގެ ކާސްޓުން އަދި ބައެއް ކްރޫއިންނާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މި ފިލްމުގެ ބޮޑު ބައެއް އިންޑިއާގެ ރާޖަސްތާނުގައި ޝޫޓްކުރަން ނިންމާފައިވާއިރު މިއީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ރޮޓަޑަމް ހަބަޓް ބަލްސްއިން ފަންޑުކުރާ ފިލްމެއް ކަމަށް ވެރައިޓީ ނޫހުގައި ވަނީ ބުނެފައެވެ.
ހުމާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ބައޮޕިކް ފިލްމު "ތަރުލާ"އިންނެވެ. ހުމާ މި އަހަރު ތިން ފިލްމެއްގެ މަސައްކަތް ކުރަމުން އަންނައިރު އޭގެތެރޭގައި އަންނަ އަހަރު ރިލީޒް ކުރާ ފިލްމު "ޖޮލީ އެލްއެލްބީ3" ހިމެނެއެވެ. ހުމާގެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި "ގޭންގްސް އޮފް ވަސޭޕޫރު"، "ބަދުލާޕޫރު" އަދި "ބެލް ބޮޓޮމް" ހިމެނެއެވެ.