މިނިވަން މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންގެ މުސާރައަށް ވުރެ، ކުޑަކޮށް ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މުސާރަ މާލިއްޔަތު ކޮމެޓީ މިއަދު ކަނޑައަޅައިފި އެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ މުސާރަ ކަމަށް ކަނޑައަޅާފައި ވަނީ 10،000ރ. އެވެ. އަދި އެ ކޮމިޝަންގެ ރައީސްގެ މުސާރައަކީ 12000ރ. ކަމަށާއި ނައިބު ރައީސްގެ މުސާރައަކީ 11000ރ. އެވެ.

އެ ގޮތަށް ފާސްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ހުށަހެޅުވައި ވައިކަރަދޫ ދާއިރާގެ މެންބަރު ތާއީދުކޮށް، ކޮމެޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

ކަސްޓަމްސް މުވައްޒަފުން ކުރާ ގާނޫނާ ހިލާފު ކަންތައްތައް ހުއްޓުވަން ކަސްޓަމްސް ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަންގެ މެންބަރުންގެ މުސާރަ ކުޑަކޮށްފައި ވަނީ އެ ކޮމިޝަންގެ މެންބަރުންނަކީ ޕާޓައިމްކޮށް މަސައްކަތްކުރާނެ ބޭފުޅުންނަށް ވާތީ އެވެ. ނަމަވެސް ފުލްޓައިމްކޮށް މަސައްކަތް ކުރާ މިނިވަން މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންގެ މުސާރަ 40،000ރ. އަށް އަރަ އެވެ.

ކަސްޓަމް އިންޓެގްރިޓީ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސް ކުރާ ބޭފުޅުންގެ ތެރެއިން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެވެ.

މިދިޔަ އަހަރުގެ މަޖިލީހުން ފާސް ކުރި ކަސްޓަމްގެ ގާނޫނުގައި އެ ކޮމިޝަންގެ މަގުސަދުތަކެއް ކަމަށް ކަނޑައަޅާފައި ވަނީ ހަތަރު ކަމެކެވެ. އެއީ ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި ގާނޫނާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުން އިތުރުކުމާއި ކަސްޓަމްގެ މުވައްޒަފުންގެ މެދުގައި ހިންގާ ގާނޫނާ ގަވާއިދާ ހިލާފު އަމަލުތައް މިނިވަން ކަމާއެކު، ތަހުގީގުކޮށް ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމެވެ. އަދި ކަސްޓަމްގެ މުވައްޒަފުންނަށް ގާނޫނާ ރައްކާތެރިކަން ލިބިދިނުމާއި ކަސްޓަމްސްގެ މުވައްޒަފުންގެ މަސައްކަތާމެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރު ކުރުމެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަށް ކަނޑައެޅުމަށް އެދި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ނަންތަކީ މއ. ހަށިމާ އަހުމަދު ޝާކިރު ހ. އާޒާދެވާދީމ ވިޒާދު އަލީ އާއި މ. ބިލާލުގެ އަބްދުﷲ ޝިނާހު އާއި ގ. ވިޔަވަތި އަހުމަދު އަލިމަނިކާއި މއ. ފެހިއަލި އަބްދުއްރަހީމް އަބްދުއްރަހުމާނާއި ހ. ބަރަބޯމާގޭ އައިޝަތު ޝިއުނާއި ގއ. ކަނޑުހުޅުދޫ ޖިހާދާ އަނީސް އާއި ދަފްތަރު ނަންބަރު 2254 ފާރިޝް އާދަމާއި ހ. ތެވެލި މުހައްމަދު ޝަރީފުއާއި ދަފްތަރު ނަންބަރު 2613 އަބްދުﷲ ނިސާމެވެ.