ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ ހަސަންގެ ފޮޓޯއެއް އަންދާލި ކަމަށް ތުހުމަތު ކުރެވޭ އެ ގައުމުގެ އާޓިސްޓަކު ދެ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ޕޯޓްރެއިޓް އާޓިސްޓެއް ކަމަށްވާ ޝަދްރަކް ޗައުލާ ހައްޔަރުކޮށްފައި ވަނީ އޭނާ ރައީސް ސާމިއާއަށް ފުރައްސާރަކޮށް، ރައީސްގެ ފޮޓޯއެއް އަންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި ފަހުންނެވެ. އެކަން ކުރި ކަމަށް 24 އަހަރުގެ ޗައުލާ ވަނީ ކޯޓުގައި އެއްބަސްވެފައެވެ.

އޭނާ ހައްޔަރުކުރުމާ ގުޅިގެން ގާނޫނީ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ތަސްވީރެއް އެންދުމަކީ އެއްވެސް ވަރަކަށް ގާނޫނާ ޚިލާފުވާ ކަމެއް ނޫން ކަމަށް ބައެއް ގާނޫނީ ވަކީލުން ބުނެފައިވެއެވެ.

ޗައުލާގެ މައްޗަށް ކޮށްފައިވަނީ ދެ އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް ނުވަތަ 2،000 ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އެހެންވެ، ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ އޭނާގެ ޖޫރިމަނާ ދެއްކޭނެ ފައިސާ ހޯދަން ކެމްޕޭނުވެސް ކުރަމުންނެވެ.

ދެހާސް އަށާރަ ވަނަ އަހަރު ޓެންޒޭނިއާގައި ވަނީ ހަގީގަތާ ޚިލާފު ޚަބަރު ފެތުރުމާ ދެކޮޅަށް ހަރުކަށި ގާނޫނުތަކެއް ފާސްކޮށްފައެވެ. ނަމަވެސް އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބުނެ ބައެއް މީހުން ވަނީ އެކަމަށް ފާޑުކިޔައިފައެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް ސާމިއާ ވަނީ ސިޔާސީ އަދި މަދަނީ ބައެއް އިސްލާހުތައް އެ ގައުމަށް ތައާރަފު ކުރައްވައިފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކާއި ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އެ ގައުމުގެ އާ ސިޔާސަތުތަކަކީ ފަހަތަށް އެޅުނު ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.