06 Jul 2024, 13:25
ދިގު އީމެއިލްތައް ޚުލާޞާކޮށް ކިޔަން ފަސޭހަކޮށްދިނުމަށް އޭއައި ޓޫލެއް ޖީމެއިލުން ތަޢާރަފުކޮށްފިއެވެ.
ޖީމެއިލުން އިއުލާނުކުރި ގޮތުގައި، ދިގު އީމެއިލްތައް ޚުލާޞާކޮށްދޭ މި ފީޗާ ލިބެން ހުންނާނީ އެންޑްރޮއިޑް، އައިއޯއެސް އަދި ވެބް ޕްލެޓްފޯމްތަކުގައި ޖީމެއިލް ބޭނުންކުރަން ފައިސާ ދައްކާ ނުވަތަ ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންނަށެވެ.
މި އައު ފީޗާއިން، ދެ ޖަވާބަށް ވުރެ އިތުރަށް ހިމެނޭ އީމެއިލް މުޢާމަލާތްތައް ބުލެޓް ޕޮއިންޓްތަކެއްގެ ގޮތުގައި ޚުލާޞާކޮށް ދައްކައިދޭނެއެވެ.
މީގެ އިތުރުން ވެބް ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް ޖެމިނައި 1.5 ޕްރޯއިން ހަކަތަ ލިބިގަންނަ ޖެމިނައި ސައިޑް ޕެނަލް ކިޔާ އިތުރު ފީޗާއެއްވެސް ތަޢާރުފްކުރަމުން އަންނަ ކަމަށް ޖީމެއިލުން މަޢުލޫމާތު ދީފައިވެއެވެ.
މި ސައިޑް ޕެނަލްއިން ގޫގުލް ވޯކްސްޕޭސްގެ އެކި އެޕްލިކޭޝަންތަކުގައި އެކި މަސައްކަތް ކުރެވޭނެއެވެ. މިގޮތުން ޑޮކްސްގައި ލިޔުމާއި، ޚުލާޞާކުރުމާއި އައު އައިޑިއާތައް ނެރުމަށް އެހީތެރިވެދޭއިރު، ޖީމެއިލްގައި އީމެއިލްތައް ޚުލާޞާކޮށް، ޖަވާބުތައް ފޮނުވައި، އީމެއިލް ޑްރާފްޓްކުރުމަށް ވެސް އެހީތެރިވެދޭނެއެވެ.
މީގެ އިތުރުން ޑްރައިވްގައި ޑޮކިއުމަންޓްތައް ޚުލާޞާކޮށް، އަވަސް މަޢުލޫމާތު ފޯރުކޮށްދޭއިރު، ސްލައިޑްސްގައި އައު ސްލައިޑްތައް އުފައްދައި، ޚާއްޞަ އިމޭޖުތައް ހަދައިދޭނެއެވެ. އަދި ގޫގުލް ޝީޓްސްގައި ޑޭޓާ އޯގަނައިޒްކޮށް، ފޯމިއުލާ އުފެއްދުމަށް މިފީޗާ އެހީތެރިވެދޭނެއެވެ.
މި ފީޗާތައް ލިބޭނީ ޖެމިނައި ބިޒްނަސް އަދި އެންޓަޕްރައިޒް އެޑް-އޮން އަށާއި، ޖެމިނައި އެޑިޔުކޭޝަން އަދި އެޑިޔުކޭޝަން ޕްރީމިއަމްއަށާއި ގޫގުލް ވަން އޭއައި ޕްރީމިއަމް ބޭނުންކުރާ ފަރާތްތަކަށް ކަމަށް ޖީމެއިލްގެ ބެލެނިވެރި ކުންފުނި ގޫގުލްއިން ބުނެއެވެ.
ގޫގުލްއިން ބުނާގޮތުގައި މި އައު ފީޗާތައް ތަޢާރަފުކުރުމުގެ މަޤްޞަދަކީ އީމެއިލް ބޭނުންކުރުން އިތުރަށް ހަރުދަނާކޮށް، ބޭނުންކުރާ ފަރާތްތަކަށް ވަގުތު ސަލާމަތްކޮށްދިނުމެވެ. މިކަމުގެ ސަބަބުން ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް މުހިންމު މަސައްކަތްތަކަށް އިސްކަން ދިނުމުގެ ފުރުޞަތު ލިބޭނެއެވެ.