19 Jun 2012, 12:12
ޑީއާރްޕީއާ ގައުމީ ޕާޓީއާ ދެމެދު އޮތް ކޯލިޝަން އެގްރިމަންޓް މިއަދުން ފެށިގެން ރޫޅިއްޖެ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު އަދި ގައުމީ ޕާޓީގެ އެއް ނާއިބު ރައީސް ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާޒު މިހެން ވިދާޅުވެ ވާހަކަފުޅު ދެއްކެވީ ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް މީހުން ރައްޔިތުންނަށް އަނިޔާކޮށް، ފޭރެމުންދާތީ ކަންބޮޑުވުން ފާޅުކޮަށް މާފަންނު އުތުރު ދާއިރާގެ މެމްބަރުން އިމްތިޔާޒް ފަހުމީ މަޖިލީޙަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަަލައިގަތުމަށް ޑީއާރްޕީގެ ބައެއް މެންބަރުން ވޯޓު ދިނުމުން ހިތްހަމަނުޖެހިގެން މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
"އެމްޑީޕީއާއެކު ޑީއާރްޕީން ޑީލް ހަދަމުންދާކަން އެގިގެން ހިނގައްޖެ!" ރިޔާޒު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިމްތިޔާޒު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގެންފައިވަނީ، އެވަގުތު ޖަލްސާގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން މައްސަލަ ބަލައިގަތުމަށް ބޭނުންވާ އަދަދު ކަމުގައިވާ 23 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ މަޖިލީހަށް ބަލައި ނުގަތުމަށް 22 މެންބަރުން ވޯޓު ދެއްވި އެވެ.
ބަހުސްގައި، އެ މައްސަލައާ އެއްކޮޅަށް ވޯޓު ދެއްވި، ޑީއާރްޕީ މެންބަރުންނަށް ފާޑު ވިދާޅުވަމުން ރިޔާޒު ވިދާޅުވީ، ސަރުކާރު ހިމާޔަތް ކުރުމަކީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ބަޔަކު ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި ފުލުހުންނާ ދިމާލަށް އެމްޑީޕީން ބޭނުންވާ އެއްޗެއް ބުނުމުގެ ފުރުސަތު، ސަރުކާރުގެ ތެރޭގައި ކޯލިޝަން ހަދައިގެންތިބި މީހުންގެ ސަބަބުން ލިބުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.
"މިއަދު އެމްޑީޕީން ހުށަހެޅި މައްސަލައަކީ ހޯމް މިނިސްޓަރާ ކޮމިޝަނަރު އޮފް ޕޮލިސްއާ ދެކޮޅަށް ހުށަހެޅުނު މައްސަލައެއް. އަދި މިއީ މި ދެންނެވި ފަރާތުން އެކަމަށް ތާއީދު ކުރާކަން ދައްކައިދޭ ހުށަހެޅުމެއް،" ރިޔާޒު ވިދާޅުވި އެވެ. "ދިވެހި ގައުމީ ޕާޓީވަނީ ޑީއާރްޕީއާ ކޯލީޝަން ހަދައިފަ. ގައުމީ ޕާޓީގެ ނާއިބު ރައީސް މިއަދު ހޯމް މިނިސްޓަރުކަމުގަ ހުންނެވީ. އަދި ކޮމިޝަނާ އޮފް ޕޮލިސްއަކީ ޑީއާރްޕީގެ މެންބަރެއް. މިއަދު އަޅުގަނޑު ވަރަށް ހިތާމައާއެކު ދަންނަވަންޖެހޭ ހަގީގަތަކީ މިކަމުގެ ސަބަބުން ދިވެހި ގައުމީ ޕާޓީއާ ޑީއާރްޕީއާ ދެމެދު އޮތް ކޯލިޝަން ރޫޅިގެން ހިނގައްޖެ! މި ހަބަރާއި މައުލޫމާތު މިއަދު އަޅުގަނޑު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެން. އަޅުގަނޑު އެގޮތަށް މި ނިންމީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ޑީއާރްޕީއާ ގައުމީ ޕާޓީއާއެކު ކޯލިޝަނެން ނޯންނާނެ. މިއީ ދިވެހި ރައްޔިތުންނަށްޓަކައި އަޅުގަނޑުދިން ރަނގަޅު މެސެޖެއް،"
ޑީއާރްޕީ ރޫޅާލައި ކުރީގެ ރައީސް މައުމޫނާމެދު ބޭއިހުތިރާމާއެކު ކަންތައްތައްކުރި އުސޫލުން ކަންކުރަންދެން ގައުމީ ޕާޓީ ނޯންނާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. ދިވެހި ފުލުހުންނާއި ސިފައިންގެ ހިދުމަތާދޭތެރޭގައި ބައެއްގެ ހިތުގައި ޝާއްކާއި ވަހުމް އުފައްދަން އެމްޑީޕީއާއެކު ގުޅިގެން ޑީއާރްޕީން ކުރާ މަސައްކަތް ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭރުވެސް އަޅުގަނޑުމެން ދައްކަމުން އައި ވާހަކައަކީ އިދިކޮޅު ބައެއްގެ ގޮތުގައި އޮވެ ކުރީގެ ސަރުކާރާއެކު އެތައް ގިނަ ޑީލްތަކެއް ހެދި ބަޔެކޭ. އަދި ހަމަ މިއަދު ވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ ކޯލިޝަންތެރެއިން ބޭނުންވާ ހުރިހާ މަގާމަކާ ހުރިހާ މަންފާއެއް ހޯދުމަށްފަހުގަ އެމްޑީޕީއާއެކުގަ ޑީލްހަދާ މަންޒަރު. އެމްޑީޕީގެ އެޖެންޑާ ކުރިއަށް ނެރެގެން ކަންތައް ކުރަމުންގެންދާ މަންޒަރު،" ރިޔާޒު ވިދާޅުވި އެވެ.
މި ބަހުސްގައި، ރިޔާޒުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ މެންބަރު ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވެސް ވަނީ ޑީއާރްޕީއަށް ފާޑު ވިދާޅުވެފަ އެވެ.
އިލްހާމް ވިދާޅުވީ، ދިވެހި ސިފައިންނާއި ފުލުހުންނަށް ތުހުމަތުކޮށް އެމްޑީޕީގެ މެންބަރަކު ހުށަހެޅި ކުއްލި މައްސަލައަކީ ތާއީދު ކުރައްވާ މައްސަލައެއް ނޫން ކަމަށެވެ. އަދި ސަރުކާރު ކޯލިޝަންގައި ތިބެ ޑީއާރްޕީ މެންބަރުންނަށް ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވަން ކެރިވަޑައި ނުގެންނެވީތީ ހިތާމަކުރައްވާ ކަމަށެވެ.
"ޕީޕީއެމް ވަރަށް ސާފުކަންމަތީގައި މި ކުއްލި މައްސަލައަށް ތާއީދު ނުކޮށް ވޯޓް ނުދޭ ވާޙަކަ ދަންނަވާލަން. ހިތާމައަކީ ސަރުކާރުގައި ތިބި ޑީއާރްޕީ ވެސް ފެނިގެންދިޔައީ މިއަދު މަޖިލީހަށް ބޭފުޅުން ވަޑައިނުގަންނަވައި ތިއްބެވިތަން. ވަޑައިގެން ތިއްބެވި ބޭފުޅުނަށް ވެސް މިއަދު ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވާކަށް ކެރިވަޑައެއް ނުގެންނެވި. މިކަންތަކާ ވެސް އަޅުގަނޑު މާފަށް އެދެން. އަޅުގަނޑު ދަންނަވާނީ މީދެން އޭގެ ޒާތުގައި ހިނގާފާނެ ކަމެކޭ. މިއަދު ދިވެހި ފުލުހުންނާއި ސިފައިންނާ ދޭތެރޭގައި ހިތުހުރި ގޮތަކަށް ވަލު ޖަނަވާރު އިބާރާތުން ލިޔުނީމަވެސް މަޖިލީހުގައި ތިއްބެވި ވަކި މެންބަރުންތަކެއް މިވަނީ އެ މައްސަލަ ބަލައިގެންފަ،" އިލްހާމް ވިދާޅުވި އެވެ.
އިލްހާމްގެ ވާހަކައަށް ރައްދު ދެއްވަމުން ޑީއާރްޕީގެ މެންބަރު ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމް ވިދާޅުވީ، މަޖިލީހަށް ކޮންމެ މައްސަލައެއް ހުށަހެޅިއަސް ބަލައިގަންނަންޖެހޭ ކަމަށެވެ. އަދި ޕީޕީއެމްގެ މެންބަރުން ޑީއާރްޕީގެ މެންބަރުންނަށް ނިސްބަތްކޮށް އެގޮތަށް ވާހަކަ ދެއްކެވިއަސް ޖެހިލުންވެ ބިރު ނުގަންނަ ކަމަށެވެ.
"މިތަނަށް ކޮންމެ މައްސަލައެއްލިޔަސް ބަލައިގަންނަންޖެހޭ ކަމަށް ކުރިން ވެސް އަޅުގަނޑުވާނީ ދަންނަވާފަ. ބަލައިގަނެގެން އެ މައްސަލައާ ބެހޭގޮތުން ވާހަކަ ދެކެވެން އެބަޖެހެއޭ. އަޅުގަނޑުމެން މި މައްސަލައިގަ ދައްކަންހުރި ވަރަށް ގިނަ ވާހަކަ އެބަހުރި. އެހެންވީމަ މި މައްސަލަ ބޭރުކޮށްލުމެއް ނޫން މީގަ ހައްލަކީ. މީގަ ހައްލަކީ މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާލުން. ޕީޕީއެމްގެ ބޭފުޅުން ތެދުވެ އަޅުގަނޑުމެންނަށް އިޝާރާތްކޮށް މިކަހަލަ ވާހަކަ ދެއްކިއަސް މީކީ އަޅުގަޑުމެން ލަދެއް ވެސް ގަންނާނެ ކަމެއް ނޫން އަދި ބިރެއް ވެސް ގަންނާނެ ކަމެއްނޫން،" ރޮޒެއިނާ ވިދާޅުވި އެވެ.
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ މަޖިލީހަށް ކޮންމެ މައްސަލައެއް އަޔަސް އެ މައްސަލައެއް ބަލައިގަނެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ. އަދި ސަރުކާރަށް ފެންނަ ގޮތަކަށް ވޯޓު ދެއްވުމަށް އެއްވެސް ޕާޓީއަކުން ސަރުކާރާއެކު ސޮއިކޮށްފައި ނޯންނާނެ ކަމަށެވެ.