މަޝްހޫރު ބަތަލާ ރަކުލްގެ ފިރިމީހާ ޖެކީ ބަގްނާނީގެ ހިއްސާ އޮންނަ އާއިލީ ފިލްމު ކުންފުނީގައި މަސައްކަތް ކުރި ކްރޫ މެންބަރަކަށް ފައިސާ ނުދިންކަމުގެ މައްސަލަ ފެންމަތިވެފައިވަނިކޮށް އެ މެންބަރަށް އެކްޓަރު ޓައިގާ ޝްރޮފް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކުރިން ބައެއް ފިލްމުތަކުގައި އެކްޓުކޮށްފައިވާ ޖެކީ ބަގްނާނީ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ޕޫޖާ އެންޓަޓެއިންމަންޓުން އެ ޕްރޮޑަކްޝަން ހައުސްގައި މަސައްކަތްކުރާ ވަރަށް ގިނަ ކްރޫ މެންބަރުންނަށް ދޭންޖެހޭ މުސާރަ ނުދޭ މައްސަލައިގައި އެންމެ ބޮޑަށް އަޑުއުފުލާފައިވަނީ ފޯކަސް ޕުލާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ރަވީ ކުމާރެވެ.

ރަވީ ކުމާރަށް ދިމާވި އެކްސިޑެންޓެއްގައި އޭނާއަށް ވަރަށް ބޮޑަށް އަނިޔާ ލިބި ބޭސް ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓުކުރެވި ބޭސް ފަރުވާއަށް ހޭދަކުރުމަށް ފައިސާ ނެތުމުން ޕްރޮޑަކްޝަން ހައުސްއަށް ގުޅި ކަމަށް އޭނާ ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

އެހެންނަމަވެސް، އޭނާގެ އެއްވެސް ފޯނު ކޯލަކަށް އަދި މެސެޖަކަށް ވެސް ކަމާ ގުޅުންހުރި ފަރާތްތަކުން ޖަވާބެއް ނުދިނުމުގެ ސަބަބުން އޭނާ ވަނީ ހޮސްޕިޓަލުގައި ތާށިވެފައި ކަމަށާއި އެ ތަނުން ނުކުމެވޭނީ ބިލުތަކަށް ފައިސާ ދެއްކުމުން ކަމަށް ރަވީ ކުމާރު ވަނީ މީޑިއާއަށް މައުލޫމާތުދީފައެވެ.

މި ޚަބަރުތައް ފެނުމާ އެކު އެކްޓަރު ޓައިގާ ޝްރޮފް ވަނީ ރަވީ ކުމާރަށް އެހީތެރިވެދީ އޭނާގެ ހޮސްޕިޓަލު ބިލްތައް ދެއްކުމަށް އެހީތެރިވެދީފައެވެ. ރަވީއަކީ ޕްރޮޑީއުސަރު ޖެކީ ބަގްނާނީގެ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"ގައި ޓައިގާ ޝްރޮފާ އެކު މަސައްކަތް ކުރި މީހެކެވެ. ޓައިގާގެ ބައްޕަ ޖެކީ ޝްރޮފާ އެކު ވެސް އޭނާ ވަނީ ބައެއް ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ.

ޕްރޮޑިއުސަރު ޖެކީ ބަގްނާނީ އަދި ބަތަލާ ރަކުލް ޕްރީތު ސިންގް ދެ މީހުންގެ ކައިވެނީގެ ހަފްލާގައި--ފޮޓޯ/ބޮލީވުޑްބަބްލްސް

މީގެ ކުރިން ޖެކީ ޝްރޮފް ވެސް އެކި ފަހަރު މަތިން ރަވީ ކުމާރުގެ އާއިލާއަށް އެހީތެރި ވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕޫޖާ އެންޓަޓެއިންމަންޓުން ރަވީ ކުމާރަށާއި ކްރޫ މެންބަރުންނަށް 150،000 އަށްވުރެ ގިނަ އިންޑިއާ ރުޕީސް ނުދީ އެބައޮތް ކަމަށާއި އެ މީހުން މައްސަލަ ޖެއްސުމުން ޕްރޮޑަކްޝަން ހައުސްއިން ދޫކޮށްފައިވަނީ އޭގެ ވަރަށް ކުޑަ މިންވަރެއް ކަމަށް އެ މީހުން ބުނެއެވެ.

ޕޫޖާ އެންޓަޓެއިންމަންޓާ ގުޅުންހުރި ފަރާތަކުން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"ގެ ވަރަށް ގިނަ ތަރިންނަށް އެ ކުންފުނިން އަދި ފައިސާ ނުދެއެވެ. އޭގެ ތެރޭގައި ޓައިގާ ހިމެނޭއިރު ބަތަލާ ސޮނާކްޝީ ސިންހާ، އަލާޔާ އެފް އަދި މަނޫޝީ ޗިލަ ހިމެނެއެވެ.