ގްރޫޕަކުން ހަމަލާދީ ޒަހަމް ކޮށްލުމުން އައްޑު އަތޮޅު ހިތަދޫގެ މަގެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ބިދޭސީއަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހިތަދޫގައި ހުންނަ ފިހާރައެއްގެ ކައިރީ، މަގުމައްޗަށް ވެއްޓިފައި އޮއްވާ ރޭ ފަތިހު ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށާއި އެމީހާގެ ބޮލުގެ ހަތަރު ތަނަކަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި މިހާރު އެމީހާއަށް ހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށެވެ.

"ބަންގްލަދޭޝް މީހާގެ ބޮލުގެ ހަތަރު ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު އެއް ދިމާއަކަށް ވަރަށް ފުންކޮށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައި. މީގެއިތުރުން ގައިގެ އެކި ތަންތަނަށް ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައި، އެމީހާގެ ހާލު ސީރިއަސް،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށާއި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ބަންގްލަދޭޝްގެ މީހާއަށް ރޭ ފަތިހުގެ ވަގުތެއްގައި ހަމަލާދީފައި ވަނީ އެމީހާ މަގުމަތިން ދަނިކޮށް ތޫނު ހަތިޔާރާ އެކު މޫނު ނިވާކޮށްގެން ތިބި ފަސް މީހުންގެ ގްރޫޕަކުން ގޮހެވެ.

ހިތަދޫގެ ސެކިއުރިޓީ ފާމެއްގެ ސުޕާވައިޒަރެއްގެ ވަޒީފާއަދާ ކުރަމުން އަންނަ ބަންގްލަދޭޝްގެ މީހާއަށް ދިން މިހަމަލާއަކީ ފޭރުމުގެ ހާދިސާއެއް ކަމަށް އެރަށުގެ ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އަދި އެމީހާ ވެއްޓިފައި އޮތީ އެމީހާގެ ސްޕޮންސަރުގެ ދިރިއުޅޭ ގޭ ކައިރިއަށް ކަމަށް ވެއެވެ.