27 Jul 2024, 10:35
ލިމްޔާ އަވަސް އަވަހަށް ބޯ ހޫރައިލިއެވެ. ދެމީހުންގެ މެދުގައި އިތުރު ވާހަކައެއް ނުދެކެވި ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ.
********
"ތެދަށް ބުނަންތަ. އަސްލު ލިމް ވަރަށް ލަދުގަނޭ ރެން އަބަދު ޝުކުރު އަދާކުރާތީ" ލިމްޔާ އިސްޖަހައިލިއިރު، ތުންފަތުގައިވީ ރަކި ހިނިތުންވުމެކެވެ. "ވީ އާ ފްރެންޑްސް"
ރަޔާން ޓީވީއިން ނަޒަރު ވަކިކޮށް، ލިމްޔާގެ މޫނަށް ބަލައިލިއެވެ. ލިމްޔާއަކީ އަހުލާގު ރަނގަޅު ކުއްޖެކެވެ. ރަޔާންގެ މަންމައާއިމެދު ދެކެނީ އަމިއްލަ މައިމީހާ ފަދައިންނެވެ. ބަލާލަން ހުތުރެއް ނޫނެވެ. ފިރިހެންކުދިން ހިތްއެދޭ އެތައް ސިފައެއް ލިމްޔާގެ ކިބައިގައިވެސް ހުރެއެވެ. އަނެއްކޮޅުން ރަޒީނާވެސް ލިމްޔާދެކެ ނުހަނު ލޯބިވެއެވެ.
"ވަރަށް ލަސްވެއްޖެ! ކޮންއިރަކުން ގެއަށް ދަނީ؟" ގަޑި ދައްކައިލަމުން ރަޔާން ބުނެލިއެވެ.
"ލިމް މިރޭ މިގޭގަ މަޑުކުރާނީ" ލިމްޔާ ޖަވާބުދިނެވެ. "ރަޒީނައްތައަށް ކަމެއް ބޭނުންވެދާނެތީ.."
"ލިމްގެ މަންމަ..." ރަޔާންގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން މަންމަގެ ހުއްދަ ހޯދި ވާހަކަ ލިމްޔާ ބުނެލިއެވެ.
ކިތަންމެ ނިދި އައިސްފައި އިން ނަމަވެސް ލިމްޔާ ޓީވީ ބަލަން އިނީ ރަޔާންގެ ކައިރީގައި އިންނަން ބޭނުންވާތީއެވެ. މުޅި ރޭގެ ހަތަރުދަމު ރަޔާނާއި ވާހަކަ ދައްކަން އިންނަންޖެހުނަސް، ލިމްޔާ ފޫއްސެއް ނުވާނެއެވެ. އެކަމަކު، ރަޔާން ބަސްމަދެވެ. ޓީވީ ބަލަން އިންއިރު، އެތަނުގައި ލިމްޔާ އިންކަން ނުވެސް އެނގޭ ކަހަލައެވެ.
"ލިމް ދާންވީނު ނިދާލަން. އަހަރެން އިންނާނަން ހޭލާ..." ފިލްމު ނިމުމާއިއެކު، ރަޔާން ބުންޏެވެ.
"ލިމްވެސް ބޭނުން ހޭލާ އިންނަން. މާދަމާއަކީ ބަންދު ދުވަހެއްނު" ލިމްޔާ ބުނެލިއެވެ. "ރަޒީނައްތައަށް ކުއްލިއަކަށްވެސް ކަމެއް ބޭނުންވެދާނެ"
"އޯކޭ.." ލިމްޔާ ހީކުރިވަރަށްވުރެ އަވަހަށް ރަޔާން އެއްބަސްވިއެވެ. " ސޯ، ކޮފީ؟..."
ރަޔާން ސޯފާއިން ތެދުވެ ހަށިގަނޑު ސީދާކޮށްލިއެވެ. ނިދީގެ އަސަރު އެދެލޮލުގައިވިއެވެ. ލިމްޔާ ބޯޖަހާލުމުން ރަޔާން ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ. ލިމްޔާވެސް ރަޔާންގެ ފަހަތުން ބަދިގެއަށް ދިޔައެވެ.
ކޮފީތަށި ހިފައިގެން ރަޔާން ނުކުތީ ބޭރު ފެންޑާއަށެވެ. މާހައުލަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ފެންޑާގެ އަސްކަނިދަށުގައި ހަރުކޮށްފައިވާ ކުޑަ ބޮކީގެ ފަނޑު އަލިކަން ފިޔަވާ އިތުރު އަލިކަމެއް އެއިން ހިސާބަކުންވެސް ފެންނާކަށް ނެތެވެ. ރަޔާން ޖޯލީގައި އިށީނެވެ. އޭނާގެ ހިޔާލާއި ފިކުރުތައް ވަނީ އެހެން ދުނިޔެއެއްގައެވެ. ކަންފަތް ކައިރީގައި ގުގުމަމުން ދިޔައީ ނިމާލު ދެއްކި ވާހަކަތަކެވެ. ނިމާލުގެ އެދުމާއި ދެކޮޅު ހަދައިފިނަމަ، ވާނެގޮތް ރަޔާނަށް އަންދާޒާވެސް ނުކުރެވުނެވެ.
ރަޔާންގެ ހަރަކާތްތަކަށް ބަލަން ލިމްޔާ އިރުކޮޅަކު ހުއްޓެވެ. ރަޔާނަށް ހަމަހޭވެރިކަންވީ ލިމްޔާ އޭނާގެ ކައިރީގައި އިށީނުމުންނެވެ.
"މިސާލަކަށް ލިމް ނުކުރާ ކަމެއްގެ ތުހުމަތު ލިމްގެ ބޮލުގަ މީހަކު އެޅުވިއްޔޯ.. ދެން ކޮންމެސް ރީޒަންއެއް އޮތީމަ، ލިމްއަކަށް ނެތޯ ލިމް އެކަން ނުކުރާކަން އެބަޔެއްގެ ކުރިމަތީ ހާމަކުރެވޭކަށް. އަމިއްލައަށްވެސް ގިލްޓީ ފީލްވާތީ. ދެން އެމީހަކަށް ލިބުނު ގެއްލުމެއްގެ ބަދަލުގަ އެބަޔަކު ބުނާ ކަމެއް ކުރަން ލިމް އެއްބަސްވާނަންތަ؟.." ހިތަށް އުނދަގޫކުރަމުންދިޔަ ވާހަކަ ރަޔާން ލިމްޔާގެ ކުރިމަތީގައި ހާމަކުރީ، ލިމްޔާއަށް ޝައްކުނުވާނޭހެންނެވެ.
ރަޔާން ބުނި އެއްޗެއްގެ މާނަ ލިމްޔާއަށް ކޮންމެވެސް ވަރަކަށް ނަގައިގަނެވުނެވެ. ލިމްޔާ ހާސްވިއެވެ. އަނެއްކާ ޔަލްވީގެ ކަންތަކުގައި ރަޔާންގެ ކައިރިން ނިމާލު ކަމަކަށް އެދުނީ ހެއްޔެވެ؟ އެކަމަކު، ކޮންކަމެއް ހެއްޔެވެ؟ ލިމްޔާއަށް ހިންދިރުވާލެވުނީ ރަޔާންގެ ހިތަށް އެކަމުން ކޮށްފައިވާ އަސަރު ފެނުމުންނެވެ.
"ހާދަ އުނދަގޫ ސުވާލެކޭ ތިކުރީ.." ލިމްޔާ ޖަހައިލީ ލުއި ހިނިގަނޑެކެވެ. "މްމްމް... ތިކަހަލަ ކޭސްއެއްގަ ލިމް ހަދާނެގޮތަކީ، އެމީހުން އެދެނީ ގޯސްކަމަކަށް ނޫނިއްޔާ އެކަމެއް ކުރާނީ..."
"އެހެންތަ؟..." ފުން ވިސްނުމެއްގެ ތެރޭގައި އިނދެފައި ރަޔާން އަހައިލިއެވެ.
"ހުރިހާ ކަމެއްވެސް މޮޅަށް ދެނެވޮޑިގެންވާ ފަރާތެއްވޭ. އެމީހަކު ކުރި ކުށެއްގެ ސަޒާ އެމީހަކަށް ލިބޭނެ މިދުނިޔެމަތީގަވެސް. އާހިރަތުގަވެސް" ލިމްޔާ ވާހަކަދެއްކީ ޔަލްވީއަށް ނިސްބަތްކޮށެވެ. "ނުކުރާ ކުށެއްގެ އިލްޒާމު މީހެއްގެ ބޮލުގަ އެޅުވުމަކީ ކިހާ ބޮޑު ފާފައެއްކަން އެމީހަކަށް ނޭނގެނީ ކަމަށްވެސް ވެދާނެ. އެކަމަކު ކޮންމެވެސް ދުވަހަކުން އެމީހަކަށްވެސް ވިސްނޭނެ. އެދުވަހަކުން އެމީހަކަށް އިހުސާސް ކުރެވޭނެ މިކުރެވުނީ ކިހާވަރެއްގެ ކަމެއްކަން...."
"ހާދަ ސީރިއަސްވީ.." ގަދަކަމުން ހީލަމުން ރަޔާން ބުނެލިއެވެ.
ލިމްޔާ ދެއްކި ވާހަކަތަކާއިމެދު ރަޔާން ވަރަށް ފުންކޮށް ވިސްނިއެވެ. އެއަށްފަހު، ނިމާލަށް ދޭނެ ޖަވާބެއް ނިންމިއެވެ. ރަޔާންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ހަޔާތުގައި ކަންތައްތައް ވަމުން އަންނަ ގޮތާއި ދޭތެރޭ ވިސްނެން ފެށުނެވެ.
********
ހެނދުނު ހޭލިއިރު، ރަޒީނާގެ ހާލު ރަނގަޅެވެ. ތެދުވެ އުޅެވޭވަރު ވިއެވެ. ރަޒީނާ ބޭރަށް ނުކުތްއިރު، ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލެވުނެވެ. ރަޔާން އާއި ލިމްޔާ ތިބީ ސިޓިންގްރޫމުގެ ސޯފާގައި ނިދާފައެވެ. ލިމްޔާ ސޯފާގެ އެއްކޮޅުގައި އޮށޯވެލައިގެން އޮތްއިރު، ރަޔާނަށް ނިދިފައި އޮތީ ސޯފާގެ އަނެއްކޮޅުގައެވެ. ދެމީހުންގެ ދޭތެރޭގައި އެކަށީގެންވާ ހުސްޖާގަ އޮތެވެ. ރަޒީނާގެ ތުންފަތަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ލިމްޔާއަކީ ރަޔާންގެ ހަޔާތަށް ގެންނަން އެންމެ އެކަށީގެންވާ ކުއްޖާއެވެ.
ލިމްޔާއަށް ހޭލެވުނީ ރަޒީނާ ބޭރަށް ނުކުމެ، ދޮރު ލައްޕާލި އަޑަށެވެ. ފުންމައިގެން ތެދުވެފައި ގަޑި ބަލައިލިއެވެ. ގަޑިން ހުރީ ހެނދުނު ހައެއްޖަހާ ބޮޑުވެފައެވެ. ފަތިސް ނަމާދަށް ހޭނުލެވުމުން ލިމްޔާ ދެރަވިއެވެ. ރަޔާން ކޮބައިތޯ ހޯދާލިއިރު ސޯފާގެ އަނެއްކޮޅުގައި ރަޔާންވެސް އޮތީ ނިދާފައެވެ. ރަޔާންގެ މޫނުން ކޮންމެ ގުނަވަނަކަށް ބަލަން ލިމްޔާ އެތައް އިރަކު އިނެވެ. ނިދިފައި އޮންނައިރު ރަޔާން ވަކީން ފިރިހެންވަންތައެވެ.
********
ރަޒީނާގެ ހާލަތު ރަނގަޅުވުމުން، ރަޔާން ދެން އެންމެ އިސްކަމެއް ދިނީ ނިމާލާއި ބައްދަލުކުރުމަށެވެ. މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު، ނިމާލު ދިރިއުޅޭ ގޭގެ ދޮރާށި ކައިރީގައި ރަޔާން ހުއްޓިލައިގެން ހުއްޓެވެ. ދޮރުގައި ޓަކި ޖަހައިލަން އެތައް ފަހަރަކު އަތް ނެގި ނަމަވެސް ހިތްވަރު ނުލިބިފައެވެ.
ރަޔާން އެހެން ހުއްޓާ، ކޮންމެވެސް މީހަކު ދޮރު ހުޅުވައިލިއެވެ. ރަޔާން ދިޔައީ ސިއްސައިގެންނެވެ. ރަޔާން ފެނުމުން، ނަފީސާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ރަޔާން އެތެރެއަށް ވަންނަންދެން ދޮރު ހުޅުވާލައިގެން ނަފީސާ ހުއްޓެވެ.
"އިށީނދޭ!..." ރުންކުރު ރާގަކަށް ނަފީސާ ބުނެލިއެވެ.
ރަޔާން އިށީނުމުން ނަފީސާ ގޮސް ވަނީ ކޮޓަރިއަށެވެ. ރަޔާން އިނީ ހާސްވެފައެވެ. އޭނާއަށް ކުރެވެމުންދިޔައީ ގޭގެ ހަތަރުފަރާތުން އެތެރޭގައި ފިއްތާލަން އުޅޭފަދަ އިހުސާސެކެވެ. ގިނައިރެއްނުވެ، ނަފީސާ ގޮސް ވަން ކޮޓަރީގެ ތެރެއިން ނިމާލު ނުކުތެވެ. ފަހަތުން ނަފީސާވެސް ނުކުތެވެ. ރަޔާންއަށް ކޮޅަށް ތެދުވެވުނެވެ.
"ކޮބާ ޖަވާބަކީ؟" ސޯފާގައި އިށީންނަމުން ނިމާލު އަހައިލިއެވެ.
"އަޅުގަނޑަކީ އެހާ ތަނަވަސް މީހެއް ނޫން.." ރަޔާން ވާހަކަފެށީ ދުރުދުރުންނެވެ.
"އަހަރެން ބޭނުމީ ޖަވާބެއް. އިތުރު ބަހަނާތަކެއް އަޑުއަހާކަށް ނޫން މިއައީ" ނިމާލު ބުނެލިއެވެ.
ކުރިއާއި ހިލާފަށް ނިމާލުގެ އަޑު މަޑުވެފައިވިޔަސް، އެއަޑުގައި ހަރުކަށިކަންވިއެވެ. ދައްކަން ބޭނުންވާ ކިތަންމެ ވާހަކައެއް ހުރި ނަމަވެސް އެއްޗެއް ބުނާނެ ހިތްވަރު ނުލިބިފައި ރަޔާނަށް އިރުކޮޅަކު އިނދެވުނެވެ.
"އަޅުގަނޑު މިހުރީ ކައިވެނިކުރަން ތައްޔާރަށް" ރަޔާން އޭނާގެ ނިންމުން ހާމަކުރިއެވެ. "އެކަމަކު ސަރުތަކާ އެކީ"
ނަފީސާއަށާއި ނިމާލަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ.
"އަހަރެން ބުނީމެއްނު އެއުޅެނީ އެއްޗެއްސާ ހެދިއޭ. ދެން އަޑުއަހަން އިނދޭ ކިޔާ ލިސްޓް" ހަމައެކަނި ނިމާލަށް އިވޭވަރަށް ނަފީސާ ބުންޏެވެ.
"ކޮން ޝަރުތެއް؟" ނިމާލު ސުވާލުކުރިއެވެ.
"އަޅުގަނޑުގެ މަންމައަކީ ވަރަށް ބަލި މީހެއް. އަޅުގަނޑު ނޫނީ އަޅާލާނެ މީހަކު ނެތް. ކައިވެންޏަށްފަހުވެސް މަންމަ ދޫކޮށްފަ އަޅުގަނޑަކަށް އެއްވެސްތާކަށް ނުދެވޭނެ" ރަޔާން އޭނާގެ ސަރުތު ހުށަހެޅިއެވެ.
ނިމާލު އިނީ އަޖައިބުވެފައެވެ. ރަޔާންއަކީ ހަމަ ހަގީގަތުގައިވެސް ޔަލްވީ ބުނި ކަހަލަ ވިޔާނުދާ މީހެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. އުޅުމާއި އަހުލާގުގެ ގޮތުންވެސް ރަޔާންގެ ފަރާތުން ފެންނަނީ ޒުވާނުންގެ ފަރާތުން ނުފެންނަފަދަ ރަނގަޅު ސިފަތަކެވެ. މިޒަމާނުގައި މައިންބަފައިންނަށް ކިޔަމަންތެރި އޯގާތެރި ދަރިން މަދެވެ. އެފަދަ މީހަކު ބޮޑު ފާފައަކަށް އަރައިގަނެދާނޭ ހެއްޔެވެ؟
ކޮޓަރި ދޮރުކައިރީގައި ހުރި ޔަލްވީގެ ދެއަތް މުށްކެވުނެވެ. ރަޔާން އެ މަސައްކަތްކުރަނީ ޔަލްވީގެ ހުރިހާ އުފާތަކެއް ފޭރިގަންނާށެވެ. އެފަދަ ރަށެއްގައި ޔަލްވީ ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟
"ކީކޭ ހިތަށްއަރައިގެންތަ އެއުޅެނީ؟..." އަމިއްލަ ނަފުސަށް އިވޭވަރަށް ޔަލްވީ ބުނެލިއެވެ. "އަހަރެން އެބައުޅޭތަ މިކަހަލަ ރަށެއްގަ ހުންނަ ހިތުން. ހާދަ ފޫހި މީހާގަނޑެކޭ. އަހަންނަށް ލަނޑެއް ދޭނެ މޮޅުގޮތެއް ރާވާލަނީނު ތި. ހުރެބަލަ ނިކަން ކާކަށްތޯ ލަނޑު ލިބެނީ ބަލަން. އަހަންނަށް ސަތޭކަ ޕަސަންޓް ޔަގީން ބައްޕަ އެކަމަށް އެއްބަސް ނުވާނެކަން. ބަލަން ހުރޭ ކާކުގެ ކޮޅެއްތޯ ގަދަވަނީ"
ރަޔާންގެ އަތްމައްޗަށް ޔަލްވީ ދޫކޮށްލަން ނިމާލު އެއްބަސްނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ޔަލްވީއަށް އޮތެވެ.
"އެންމެ ރަނގަޅު. އަހަރެން ތި ސަރުތާ ރުހި ގަބޫލު" ނިމާލު އެއްބަސްވިއެވެ.
"ނިމާލު!..." ރަޒީނާ ހިތްހަމަނުޖެހިފައި ނިމާލަށް ބަލައިލިއެވެ.
"ނަފީސާ! އަހަރެން ގަބޫލުކުރާ ގޮތުގަ މީހަކާ އިނދެގެން އަންހެން ކުއްޖާ އުޅެންވާނީ ފިރިމީހާ ދައްކާ ތަނެއްގަ" ނިމާލު ބުނެލިއެވެ.
"އެކަމަކު..." ނަފީސާގެ ހިތްމަރުވިއެވެ.
"ކައިވެނީގެ ތައްޔާރީތައް ވާން ފަށާ. ކަމެއްނެތި މާގިނަ ދުވަހު އަހަންނަށް މިރަށުގަ ހުރެވޭކަށް ނެތް. ފުރުމުގެ ކުރިން މިކަން ނިންމަން އަހަރެން ކޮންމެހެންވެސް ބޭނުން. މާދަމާ ޔަލްވީ ގޮވައިގެން ތިގެއަށް ދާނަން. އޭގެ ކުރިން ރަޔާންގެ ފަރާތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިންމާތި!" ނިމާލު ބޭނުންވީ ގޭތެރޭގައި އިތުރު ކަންތައްގަނޑެއް ނުހިނގަނީސް، ރަޔާން ފޮނުވާލާށެވެ.
ޔަލްވީގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތް ހެންނެވެ. މޫނުމަތީގައި މީހަކު އެއްޗަކުން ޖެހިނަމަވެސް އެވަރުގެ ވޭނެއް ނޭޅީހެވެ. ކޮޅަށް ހުންނަން އުނދަގޫވިއެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް، އެނދުގައި އިށީނެވެ. ނިމާލު އުޅެނީ ޔަލްވީ ބަލަންޖެހޭތީ އުނދަގޫވެގެން ހެއްޔެވެ؟ ކޮންމެ ފަހަރަކު ޔަލްވީގެ ކޮޅު ދަށްވަމުން ދަނީ ނިމާލުގެ ހަރުކަށި ނިންމުންތަކުގެ ސަބަބުންނެވެ.
"ޔަލްވީ ކިހިނެއް އަހަރެމެންނާ ވަކިން އުޅޭނީ؟ އެ ރަޔާންގެ ފެންވަރެއްވެސް އަހަރެމެންނަކަށް އެނގެނީކީ ނޫން. ޔަލްވީއަކީ ނުލާހިކު އަރާމާ އުފަލުގަ އުޅެބޮޑުވި ކުއްޖެއް. ކުއްލިއަކަށް ތިކަހަލަ ނިންމުމެއް ނިންމީމަ ޔަލްވީއަށް ކިހިނެއް ވާނީ؟" ރަޔާން ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ނަފީސާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ.
(ނުނިމޭ)