05 Jul 2024, 11:02
އިނގިރޭސިވިލާތުގައި ބޭއްވި އާންމު އިންތިޚާބު، އެ ގައުމުގެ ލޭބާ ޕާޓީން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.
އެ ގައުމުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި އިދިކޮޅުގައި އޮތް ލޭބާ ޕާޓީން ވަނީ ބޮޑު މެޖޯރިޓީއެއް ކާމިޔާބުކޮށްފައެވެ. އެ ގޮތުން، ޖުމުލަ 650 މެންބަރުން ހިމެނޭ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް ނުވަތަ ހައުސް އޮފް ކޮމަންސްގެ 326 ގޮނޑިއަށްވުރެ ގިނަ ގޮނޑި ލޭބާ ޕާޓީން ވަނީ ޔަގީންކޮށްފައެވެ.
އެހެންވެ، އިނގިރޭސި ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާ، 61 އެވެ.
މިހާރު އެ ގައުމުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ރިޝީ ސުނާކް މިހާރު ވަނީ ބަލި ގަބޫލުކުރައްވައިފައެވެ. މިއީ އިނގިރޭސި އާންމު އިންތިޚާބެއްގައި އެންމެ ތަފާތު ބޮޑުކޮށް އެއް ޕާޓީއަކުން ކާމިޔާބުކުރި އެއް ފަހަރެވެ.
އެންމެ ފަހުގެ ނަތީޖާ ދައްކާ ގޮތުން ލޭބާ ޕާޓީން ވަނީ 412 ގޮނޑި ކާމިޔާބުކޮށްފައެވެ. މިހާރު ސަރުކާރުގައި އޮތް ކޮންޒަވޭޓިވް ޕާޓީއަށް ކާމިޔާބުކުރެވުނީ އެންމެ 121 ގޮނޑިއެވެ. އަދި، 70 އަށްވުރެ ގިނަ ގޮނޑިއާ އެކު ތިންވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ލިބެރަލް ޑިމޮކްރެޓްސް ޕާޓީންނެވެ.
މިއީ މިދިޔަ 2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ލޭބާ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

އިނގިރޭސި އާ ބޮޑުވަޒީރު ކިއާ ސްޓާމާ އަދި އަނބިކަނބަލުން: އޭނާ ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައި -- ފޮޓޯ/ ސްކައި ނިއުސް
ފާހަގަކޮށްލެވޭ ގޮތުގައި އެ އަހަރުގެ އިންތިޚާބުގައި ލޭބާ ޕާޓީއަށް ކާމިޔާބުކުރެވުނީ އެންމެ 202 ގޮނޑިއެވެ. ޖުމުލަ 365 ގޮނޑިއާ އެކު އެ ފަހަރުގެ އިންތިޚާބު ކާމިޔާބުކުރައްވައި އިނގިރޭސި ބޮޑުވަޒީރު ކަމަށް އިންތިޚާބުވެވަޑައިގަތީ ކޮންޒަވޭޓިވް ޕާޓީގެ އޭރުގެ ކެންޑިޑޭޓު ބޮރިން ޖޯންސަނެވެ.
އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހުގައި ސަޕޯޓަރުންނާ ވާހަކަފުޅުދައްކަވަމުން ސްޓާމާ ވިދާޅުވީ، މިއީ ބަދަލުގެ ފެށުން ކަމަށެވެ.
ސްޓާމާއަކީ ކާކު؟
އެ މަނިކުފާނު އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ އިންސާނީ ހައްގުތަކާ ބެހޭ ކަންކަމުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ. އޭގެ ފަހުން، 2008 ވަނަ އަހަރު ޑިރެކްޓާ އޮފް ޕަބްލިކް ޕްރޮސެކިއުޝަންސްގެ މަގާމު ވަނީ ފުރުއްވައިފައެވެ.
އެންމެ ފުރަތަމަ އެ މަނިކުފާނު މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ 2015 ވަނަ އަހަރު އުމުރުފުޅުން 52 އަހަރުގައެވެ.
ސްޓާމާއަށް އިނގިރޭސި ލޭބާ ޕާޓީގެ ލީޑަރުކަން ލިބިވަޑައިގަތީ 2019 ވަނަ އަހަރުގެ އިންތިޚާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހު އޭރު އެ ޕާޓީގެ ލީޑަރުކަމުގައި ހުންނެވި ޖެރެމީ ކޯބިން މަގާމުން ދުރުވާން މަޖުބޫރުވުމުންނެވެ.
އިނގިރޭސި ބޮޑުވަޒީރު ކަމަށް ސްޓާމާ ވަޑައިގެން ނަމަވެސް އެ ގައުމުގެ ޚާރިޖީ ސިޔާސަތައް މާ ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް މަސްރަޙު ދިރާސާކުރައްވާ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ.