ފެނާއި ނަރުދަމާއި ކަރަންޓުގެ ހިދުމަތް މާލެ ފިޔަވައި އެހެން ހުރިހާ ރަށަކަށް ފޯރުކޮށް ދިނުމަށް ސަރުކާރުން އުފެއްދެވި ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރަކަށް ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ނިމާލު ހަމަޖައްސަވައިފި އެވެ.

ނިމާލް، ސަން އޮންލައިނަށް މިއަދި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުގެ އެމްޑީގެ މަގާމަށް އޭނާ ހަމަޖެއްސެވިކަމުކުގެ ޗިޓު އިއްޔެ ލިބިވަޑައިގެންފައިވާ ކަމަށާއި މިއަދު ކުންފުނީގެ އޮފީހަށް ނުކުމެ ވަޑައިގެންނެވި ކަމަށެވެ.

"އަލަށް އުފެއްދި [ކުންފުނީގެ] ބޯޑުގައި ތިއްބެވީ ކިތަން މެންބަރުންކަމެއް ސީދާ އަދި އަޅުގަނޑަށް ދަންނަވާކަން ނޭނގޭ. އަޅުގަނޑަށް ޗިޓް ލިބުމާއި ގުޅިގެން މިއަދު އަޅުގަނޑު އޮފީހަށް ނުކުމެ މިހާރު މިހުރީ،" ސަރުކާރުގެ ކަރަންޓު ކުންފުނީގެ ޑެޕިއުޓީ މެނޭޖަރު ކަމުގައި ކުރިން ހުންނެވި ނިމާލު ވިދާޅުވި އެވެ.

ވިޔަފާރި އާއި މާކެޓިން އަދި މެނޭޖްމެންޓްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ނިމާލް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ، ފެނަކަ ކޯޕަރޭޝަން އުފެއްދުމާއި ގުޅިގެން ޔުޓިލިޓީސް ކުންފުނިތައް އުވިގެން ދިޔައީ ކަމަށާއި ފެނަކަ ކޯޕާރޭޝަންގެ ދަށަށް ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓާއި ގޭހާއި އަދި ކުނި ނައްތާލުމުގެ ނިޒާމްތައް ވެސް އެކުންފުނީގެ ދަށަށް ދާނެ ކަމަށެވެ.

އާ ކުންފުނީގެ މޭނޭޖިން ޑިރެކްޓަރު ވިދާޅުވީ ކުރިން ޔުޓިލިޓީސް ކުންފުޏިގެ މަސައްކަތްތަށް އެކުންފުނީގެ ދަށަށް ބަދަލުވުމާއި ގުޅިގެން ރަށްރަށުގެ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެންމެ މުހިންމު އަމާޒު ކަމަށް ދެކިވަޑައިގެންނަވާ ކަމަށާއި ނަމަވެސް ކުންފުނީގެ ސިޔާސަތުތަކާއި ގުޅޭ ގޮތުން އެއްޗެއް ދެންނެވޭނީ ބޯޑާއި މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ފެނަކަ ކުންފުނި ރައީސުލް ޖުމުހުރިއްޔާގެ ގަރާރަކުން އުފެއްދެވީ އިއްޔެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލު ރިޒާ ވިދާޅުވީ އެ ކުންފުނީގެ ބޯޑުގެ މެނޭޖިންޑިރެކްޓަރަކަށް ވަކި ބޭފުޅަކު އައްޔަން ކުރިކަން އަދި އެނގިވަޑައިގެންފައި ނެތް ކަމަށެވެ.

ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ފެނަކަ ކުންފުންޏަކީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތާއި ތިމާވެއްޓަށް ގެއްލުން ކުޑަ ގޮތެއްގައި ކުނި ނައްތާލުމުގެ ޚިދުމަތް ދޭން އުފެއްދި ކުންފުންޏެވެ.

ފެނަކަ އުފެއްދީ ކުންފުންޏާބެހޭ ޤާނޫނު 95 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.