19 Jun 2012, 11:21
ރާއްޖޭގެ ވެރިކަން ބަދަލުވިގޮތް ތަހުގީގުކުރަން އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ ކޯ ޗެއާ ކުރުމަށް ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި އެގައުމުގެ ކުރީގެ ފަނޑިޔާރު ޖީޕީ ސެލްވަމް ރާއްޖެއަށް ފޮނުވުމުގައި ސިންގަޕޫރު ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ޗެނަލް ނިއުސް އޭޝިއާ އިން ބުނީ ކޮމިޝަން ކޯ ޗެއާ ކުރުމަށް ފަނޑިޔާރަކު ހޯދަން ކޮމަންވެލްތު ސެކްރެޓޭރިއަޓާއި ދިވެހި ސަރުކާރުން ސީދާ ގޮތެއްގައި އެ ގައުމުގެ ރިޓަޔާކުރައްވާފައިވާ ބައެއް ފަނޑިޔާރުންނާ ވާހަކަ ދެއްކި ކަމަށެވެ.
ސިންގަޕޫރު ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާސަންއަކާ ހަވާލާދީ އެ ނޫހުން އަދި ބުނީ ކޮމިޝަން ކޯ ޗެއާ ކުުރުމަށް ނިންމަވާފައި ވަނީ ސެލްވަމް އަމިއްލަފުޅަށް ކަމަށެވެ.
ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ ކޯ ޗެއާ ކުރުމަށް ހަމަޖެހިފައިވާ ސިންގަޕޫރުގެ ރާއްޖެ ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ވިޔަސް މިދިޔަ ހޮނިހިރު ދުވަހު އޭނާ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. ރައީސް އޮފީހުން އެދުވަހު ބުނީ ، ބުރާސްފަތި ދުވަހު ވަޑައިގަންނަވާ ގޮތަށް އޭރު ވިދާޅުވީ ފަނޑިޔާރުގެ އަމިއްލަފުޅު ކަމަކަށް ކަމަށެވެ. ނަމަވެސް ވަޑައިގެންނެވޭ ގޮތްވުމުން ހޮނިހިރު ދުވަހު ވަޑައިގެންނެވީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ފަނޑިޔާރު ވަޑައިގެންނެވުމުން އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ ވަނީ އަލުން އެކުލަވާލާފަ އެވެ. އެކޮމިޝަންގައި މިހާރު ހިމެނިވަޑައިގަންނަވަނީ އިސްމާއީލް ޝަފީއުއާއި ޑރ. އިބުރާހިމް ޔާސިރާއި ޑރ. އަލީ ފަވާޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޮމިޝަނަށް ހަމަޖެއްސެވި ގަހާ އަހުމަދު ސައީދުގެ އިތުރުން ސިންގަޕޫރުގެ ރިޓަޔާޑް ފަނޑިޔާރެވެ. ސަރުކާރުން ކޮމިޝަންގެ އެކުލެވުން މިގޮތަށް ބަދަލުކޮށްފައި ވަނީ ކޮމަންވެލްތުން އެކަމަށް ގޮވާލުމުންނެވެ.
ކޮމިޝަންގެ މަސައްކަތް އަލުން ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.