04 Jul 2024, 18:01
މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ގެއަށް ބޮޑެތި ގެއްލުންތަކެއްވުމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މާފަންނު ފުލޫނިޔާ މަގުގައި ހުރި އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގައެވެ.
ރޯވި އެޕާޓްމަންޓު ވަނީ މީހުންނަށް ދިރިނޫޅެވޭނެ ވަރަށް އަނދާފައެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު އަލިފާނުގެ ހާދިސާގައި ރޯވި ފަންގިފިލާގައި ހުރި ގިނަ އަދަދެއްގެ ތަކެއްޗަށް ވަނީ ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބިފައި ކަމަށެވެ.
އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ އެޕާޓްމަންޓުގައި ހުރި އެނދާއި ސޯފާއާއި ބަދިގޭ ސާމާނު ފަދަ ހިފާގެންގުޅޭ ތަކެތި ހުރީ އެއްކޮށް އަނދާ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެސް ވެފައެވެ.
މި ހާދިސާގައި ދިރިނޫޅެވޭ ވަރަށް އެތަނަށް ގެއްލުން ލިބިފައިވާތީ، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އެންޑީއެމްއޭއިން އަންނަނީ ކުރަމުންނެވެ.
'ސަން' އަށް މައުލޫމާތުދެމުން އެންޑީއެމްއޭއިން ބުނީ، އަލިފާން ރޯވި އެޕާޓްމަންޓަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ އެޕާޓްމަންޓުގެ ސިޓިން ރޫމާއި ބަދިގެ ބައި އޮތީ އެއްކޮށް އަނދާފައި ކަމަށް މައުލޫމާތުދިނެވެ.
މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައިވެސް ވެއެވެ. ނަމަވެސް އެ މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.