04 Jul 2024, 14:24
މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ހަތަރު މީހަކަށް ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗަށް މިއަދު ގެންގޮސްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މާފަންނު ފުލޫނިޔާ މަގުގައި ހުރި ގެއެއްގެ ތިންވަނަ ފަންގިފިލާގައެވެ.
ފުލުހުން ބުނީ، އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މ. އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި، މިހާރު އަލިފާން ނިއްވާލައިފައިވާ ކަމަށެވެ.
އަނިޔާވި މީހުންނާ ގުޅޭ އިތުރު ތަފުސީލެއް ސިފައިން ހާމައެއް ނުކުރެއެވެ.
ދުމުގެ އަސަރުކޮށްގެން ހަތަރު މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.