ރަޒީނާ ކުއްލިގޮތަކަށް ހޮސްޕިޓަލަށް ގެންދިޔަ ހަބަރު ލިބުމާއިއެކު ލިމްޔާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ރަޔާންއަށް ވީނުވީއެއް ނޭނގި ގެއްލުމުން، އެކަމުގެ ހިތާމައިގައި ހުއްޓާ ރަޔާންގެ މަންމަގެ ހާލު ގޯސްވީއެވެ. ލިމްޔާ ހޮސްޕިޓަލަށް ގޮސް ސިތާރާގެ ކައިރިން ވެގެން އުޅޭގޮތް ސާފުކުރިއެވެ. އަދި ޑޮކްޓަރ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ވަގުތުތައް ގުނަންފެށިއެވެ.

********

ޔަލްވީ ގޮވައިގެން ފުލުހުންގެ ލޯންޗް އަންނަ ހަބަރު ލިބުމުން ނަފީސާ އުފަލުން ފޮޅުނެވެ. ފުލުހުންގެ ވެހިކަލްގައި ނަފީސާ އާއި ނިމާލު ބަނދަރަށް ދިޔައިރު ރަށުގެ ރައްޔިތުން ކަހަލަ ގޮތަކަށް ބަނދަރަށް ޖަމާވެފައި އޮތެވެ. އެއިން ކަމަކަށް ނަފީސާގެ ފަރުވާލެއް ނެތެވެ. ކަންބޮޑުވެފައި ހުރީ ނިމާލެވެ. އަމިއްލަ އަގު ހިފެހެއްޓުމަށް ނިމާލު އަބަދުވެސް މަސައްކަތް ކުރެއެވެ. ޔަލްވީގެ ސަބަބުން، ރަށުގެ ރައްޔިތުން ކުރިމަތީގައި ނިމާލުގެ އަގު ވެއްޓޭނެކަން އޭނާއަށް އެނގެއެވެ.

ވާރޭ ހުއްޓާލާފައި ވީނަމަވެސް، ފަޒާގައި ވަނީ ތެތްފިނިކަމެވެ. ވައިގަދައެވެ. އޮއެވަރު ގަދަކަމުން، ލޯންޗް ޖެޓީއާއި ކައިރި ކުރެވުނީވެސް އެތައް އިރަކު މަސައްކަތް ކޮށްގެންނެވެ. ނަފީސާ ހުރީ މާކުރިން ޖެޓީމައްޗަށް އަރައެވެ. ދަރިފުޅު ނުފެނި އެތައް ދުވަހެއް ހޭދަވެފައިވާކަމުގެ އިހުސާސް ނަފީސާއަށް ކުރެވުނެވެ.

"މަގޭ ދަރި..." ފެނުނު މަންޒަރުން ނަފީސާގެ ހޭބުއްދި ފިލައިނުދިޔައީ ކިރިޔާއެވެ.

ޔަލްވީ އޮތީ ފުލުހެއްގެ އަތްދަނޑިމަތީގައެވެ. ދެލޯ މެރިފައި އޮތްއިރު، ދެއަތްވެސް އޮތީ ތިރިއަށް އެލިފައެވެ. ބާރު ދައްކާލާފައި ނަފީސާގެ ކުރިމަތިން ދިޔަ އަންހެންކުއްޖާ އެނބުރި އެއައީ އެއްވެސް ހަރަކާތެއް ނެތް މީހެއްގެ ގޮތުގައެވެ. ނަފީސާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ޔަލްވީއަށް ގޮވަމުން ބާރަށް ރޯން ފެށިއެވެ. އެފަދަ ނިކަމެތި ހާލެއްގައި ދަރިފުޅު ފެނިދާނެކަމަށް ނަފީސާ ދުވަހަކު ވެސް ހިތަކަށް ނާރައެވެ.

"މާބޮޑަށް ހާސްވެނުލައްވާ!" ނިމާލާއި އަރާ ހަމަވެފައި ފުލުހަކު ބުނެލިއެވެ. "ބޮޑަށް ބެލެވެނީ ހަބަރު ހުސްވެފައި އޮތްކަމަށް"

ރަޔާން އިނީ ލޯންޗުން ފައިބަން ނުކެރިފައެވެ. ރަށުގެ ރައްޔިތުން ކަހަލަ ގޮތަކަށް ވަނީ ބަނދަރަށް ޖަމާވެފައެވެ. ދުވަހަކުވެސް އަމިއްލަ ގަދަރަށް އުނިކަމެއް ލިބިދާނެ ކަހަލަ ކަމެއް ކޮށްފައިނުވާ ރަޔާންއަށް އެމީހުންނާއި ކުރިމަތިލާކަށް ނުކެރޭނެއެވެ. އެފަދަ ހާދިސާއެއް ހިނގުމުން މީހުން އޭނާއާއި ދޭތެރޭގައި ރަނގަޅަށް ނުދެކޭނެކަން ރަޔާނަށް އެނގެއެވެ.

"އަޅުގަނޑުމެން އެބަ ބޭނުންވޭ ތިބޭފުޅާގެ ބަޔާނެއް ނަގަން. ހިންގަވާ އަޅުގަނޑުމެންނާ އެކީ ސްޓޭޝަންއަށް" ފުލުސްމީހާ އެދުނެވެ.
އަމިއްލަ ދިފާއުގައި އެއްޗެއް ބުނަން އަނގަ ހުޅުވާލައިފައި ވެސް ރަޔާން ފަސްޖެހުނެވެ. އޭނާގެ ވާހަކަ ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ އިސްޖަހައިގެން ހުރެ ކުށްވެރިއަކު ފަދައިން ފުލުސްމީހާ އާއިއެކު ރަޔާން ލޯންޗުން ފޭބިއެވެ.

ރަޔާން ފުލުހުންގެ ވެހިކަލަށް އެރިއިރު، ޔަލްވީ އޮތީ ފަހަތު ޝީޓުގައި ބާއްވާފައެވެ. އޭރުވެސް ޔަލްވީގެ ހަރަކާތެއް ނެތެވެ. ޔަލްވީގެ ދެފަރާތުގައި ނިމާލާއި ނަފީސާ ތިއްބެވެ. ނަފީސާ އިނީ ޔަލްވީގެ އަތުގައި ބާރަށް ހިފާއްޓާލައިގެންނެވެ. ނިމާލުގެ ބަނަވެފައިވާ މޫނު ފެނުމުން، ރަޔާންއަށް އިސްޖަހާލެވުނެވެ. މުޅި ހަޔާތުގައިވެސް އެފަދަ ދުވަހަކާއި ކުރިމަތިލާން ޖެހިދާނެ ކަމަކަށް ރަޔާންއަށް ހިޔާލަށްވެސް ގެނެވިފައެއް ނުވެއެވެ. ރަށުގެ ގަދަރުވެރި އިސް މަގާމެއްގައި ހުރެ މީހުންގެ ފަރާތުން ލިބެމުންދިޔަ އިހުތިރާމް ގެއްލޭކަށް ރަޔާން ބޭނުމެއް ނުވެއެވެ.

ވެހިކަލް ގޮސް ހުއްޓީ، ހޮސްޕިޓަލުގެ ދޮރުމައްޗަށެވެ. ރަޔާންއަށް ޔަލްވީ އާއި ދިމާއަށް ބަލާލެވުނެވެ. ހުދުކުލައިގެ ބެޑްޝީޓެއް ޔަލްވީގެ ގައިމަތީގައި އަޅާފައި އޮތެވެ. ދެ ލޯ މަރާލައިގެން އޮންނައިރު މައުސޫމެވެ. ގޮތްދޫނުކުރުމުގެ އެއްވެސް ސިފައެއް އެމޫނުން ފެންނާކަށް ނެތެވެ. ޔަލްވީގެ ހާލާއިމެދު ރަޔާންއަށް ހަމްދަރުދީ ވެވުނެވެ. ޔަލްވީއަށް ބޮޑުކަމެއް ނުވުމަށް އެދި ހިތާއި ހިތުން ދުއާ ކުރެވުނެވެ.

ޔަލްވީ ހޮސްޕިޓަލަށް ގެންދިޔުމަށްފަހު، ރަޔާން ގޮވައިގެން ފުލުހުންގެ ޓީމް ވެހިކަލްގައި ނައްޓާލިއެވެ.

********

ޔަލްވީގެ ގައިގައި ފިރުމަން އިން ނަފީސާ އެންމެ ހިނދުކޮޅަކަށްވެސް، ދަރިފުޅާއި ދުރަށްދާކަށް ބޭނުމެއް ނުވިއެވެ. ޔަލްވީ ހޭއެރީވެސް ނަފީސާ ކައިރީގައި އިންދައެވެ.

"ދަރިފުޅާ!" ނަފީސާއަށް ޔަލްވީގެ ގައިގައި އޮޅުލައި ގަނެވުނެވެ.

ވާނުވާ ނޭނގިފައި އޮތް ޔަލްވީ އެކި ދިމަދިމާއަށް ނަޒަރު ހިންގާލިއެވެ. ޔަލްވީ ހީކުރީ ފެނުނީ ހުވަފެނެއް ކަމަށެވެ. އެހާ އަވަހަށް ސަލާމަތުން އެނބުރި އާދެވިދާނެކަމަށް ގަބޫލުކުރަން ދަތިވިއެވެ. ޔަލްވީ ތެދުވަން އުޅުމުން، ނަފީސާ އެކަން މަނާކުރިއެވެ.

"މަންމާ!..." ޔަލްވީ އެއްޗެއް ބުނަން އުޅުނެވެ.

"އާނ ދަރިފުޅާ! މީ މަންމައޭ" ނަފީސާއަށް ރޮވެން ފެށުނެވެ. "ދެން ދުވަހަކުވެސް މަންމަދެކެ ރުޅި އައިސްގެން ނުދައްޗޭ! ދަރިފުޅަށް ކަމެއްވެއްޖެއްޔާ މަންމަ މަރުވެދާނެ..."

ޔަލްވީ ހޭއެރި ހަބަރު ލިބުމާއިއެކު، މައްސަލަ އާއި ގުޅޭގޮތުން ޔަލްވީ އާއި ކުރަންޖެހޭ ސުވާލުތައް ކުރުމަށް ފުލުހުންގެ ޓީމެއް ހޮސްޕިޓަލަށް ދިޔައެވެ.

"ބައްޕަމެން މި މަޑުކޮށްލަނީ ބޭރުގަ. ތެދަށް ހުރިހާ ވާހަކައެއް ކިޔާދޭތި އިނގޭ" ވިސްނައިދޭ ރާގަކަށް ނިމާލު ބުނެލިއެވެ.

"ދަރިފުޅު އެއްވެސް ކަމަކާ ބިރު ގަންނާނެކަމެއް ނެތް. މަންމަމެން ތިބޭނަން ދަރިފުޅު ފެންނަ ހިސާބުގަ" ޔަލްވީގެ ބޮލުގައި ފިރުމާލަމުން ނަފީސާ ބުންޏެވެ.

ޔުނީފޯމުގައި ތިބި ފުލުހުން ފެނުމުން ޔަލްވީ އޮތީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. އެމީހުން ކުރާ ސުވާލުތަކަށް ދޭނެ ޖަވާބަކާއިމެދު ވިސްނަން ޔަލްވީއަށް އިރުކޮޅަކު އޮވެވުނެވެ.

"އަޅުގަނޑުގެ ނަމަކީ ޒާރާ..." ފުލުސްމީހާ އަމިއްލަ ތައާރަފެއް ދިނެވެ. "ދެން މިހުރީ ރާޔާ"

ޒާރާ ވާހަކަފެށީ ދުރުދުރުންނެވެ. ޔަލްވީގެ މޫނުމަތީގެ އަސަރުތައް ދެނަގަންނަން މަސައްކަތް ކުރަމުންނެވެ.

"ރަޔާން މަސައްކަތް ކުރިތަ ގަދަކަމުން އެއްވެސް ކަމެއް ކުރަން؟ ނޫނީ އެކަހަލަ ކަމެއް ކުރިތަ؟ މިބުނާ އެއްޗެއްގެ މާނަ އެނގިލައްވާ ދެއްތޯ؟..." ޔަލްވީގެ މޫނަށް ބަލަން އިނދެ، ޒާރާ ސުވާލުކުރިއެވެ.

ޔަލްވީ އެއްޗެއް ނުބުނެ ސީލިންގަށް ބަލަން އޮތެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގުނެވެ. ރަޔާންދެކެ ޔަލްވީ ފޫހިވެއެވެ. ބޭނުންނަމަ، ރަޔާންއަށް ހިތުން ނުފިލާވަރުގެ އަދަބެއް ދިނުމުގެ ބާރު މިއަދު ޔަލްވީގެ އަތުގައި އެބައޮތެވެ. އެކަމަކު، ކަންތައް ކުރަންވީގޮތެއް ޔަލްވީއަކަށް ޔަގީނެއް ނުވިއެވެ.

"އެއްވެސް ކަމަކާ ބިރު ގަންނާނެ ކަމެއް ނެތް. އަޅުގަނޑުމެންނާ ހިއްސާކުރާ މައުލޫމާތަކީ ސިއްރު މައުލޫމާތުތަކެއް..." ޔަލްވީގެ ފަރާތުން ޖަވާބެއް ނުލިބުމުން ފުލުސްމީހާ ބުނެލިއެވެ.

ޔަލްވީ ޖަވާބެއް ނުދެއެވެ. އެކަމަކު، ލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނަތަކުން ފުލުހުންނަށް ނެގުނީ އެހެން މާނައެކެވެ. ޔަލްވީ ވާހަކަދެއްކީ ފުލުހުން އެތައް ސުވާލެއް ކުރިފަހުންނެވެ.

"އޭނަ ނުކުރޭ އެކަހަލަ ކަމެއް" ޔަލްވީ ޖަވާބުދިނެވެ.

ބަޔާނަށް ބޭނުންވާ އިތުރު މައުލޫމާތު ނެގުމަށްފަހު ފުލުހުންގެ ޓީމު ނުކުމެގެން ދިޔައެވެ. ދަރިފުޅުގެ ކައިރިން ވެގެން އުޅޭގޮތް ސާފުކުރުމަށް ނިމާލު އަވަސްވެގަތެވެ. މޫނުގައި އަތް އަޅައިގެން އޮވެ ޔަލްވީ ރޮނީއެވެ. ނިމާލު ދެފަހަރަކު ގޮވާލުމުންވެސް ޔަލްވީ ހުއްޓައެއް ނުލިއެވެ. ދަރިފުޅުގެ ހާލު ފެނި، ނިމާލަށްވެސް ނެގުނީ ގޯސް މާނައެކެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވިގެން ދިޔައެވެ.

"ދަރިފުޅާ! ކިހިނެއްވީ؟ އަނެއްކާ ފުލުހުން އެއްޗެކޭ ބުނީތަ؟" ކެތްތެރިކަން އިސްކުރަމުން، ނިމާލު ސުވާލުކުރިއެވެ.

ޔަލްވީގެ ފަރާތުން ޖަވާބެއް ނުލިބުމުން ނިމާލަށް ބަލައިލެވުނީ ނަފީސާއާއި ދިމާއަށެވެ. އަންހެން ދަރިންނަށް ކަންކަން ހިއްސާކުރުމަށް މަޔަކަށްވުރެ އެކަށީގެންވާނީ ވަކި ކާކު ހެއްޔެވެ؟

"ދަރިފުޅާ މަންމައަށް މިހީވަނީ ރަނގަޅަށްތަ؟ އެ ރަޔާން ދަރިފުޅަށް ކަމެއް ކުރީތަ؟ މަންމަގާތު ނިކަން ބުނެބަލަ..." ނުހަނު ލޯބިން ނަފީސާ ސުވާލުކުރިއެވެ.

ޔަލްވީ ހިތުގައި ޖެހި ރޯތަން ފެނުމުން ނަފީސާގެ ހިތް ވަނީ ކުދިކުދިވެފައެވެ. ޔަލްވީގެ ކައިރީ އިށީންނަމުން އެދަރިފުޅުގެ މޫނުން އަތްނެގޭތޯ އޭނާ މަސައްކަތް ކުރިއެވެ. ނަފީސާ އެތައް އާދޭހެއް ކުރުމުން ޔަލްވީ އޭނާގެ މޫނުން އަތް ނެގިއެވެ.

"ސުބުޙާނަﷲ" ދަރިފުޅުގެ މޫނު ފެނުމުން ނަފީސާއަށް އޭނަގެ އަނގަމަތީގައި އަތް އަޅާލެވުނެވެ. މާގިނައިން ރުއިމުގެ ސަބަބުން ޔަލްވީގެ ދެލޯ ރަތްވެ ދުޅަވެފައިވާއިރު ދޮން މޫނު އެކީހެން ވަނީ ރަތްވެފައެވެ.

ޔަލްވީގެ މޫނުގައި އަތުން ފިރުމާލަމުން ނަފީސާ އޭނާގެ އުނގުމަތީގައި ޔަލްވީ ބާއްވައިލިއެވެ. އެއަށްފަހު ދަރިފުޅުގެ ބޮލުގައި ފިރުމަމުން ދިޔައީ ދަރިފުޅުގެ ހިތާމަތަކަށް ލުޔެއް ހޯދައިދިނުމަށެވެ.

********

ޔަލްވީ އެޑްމިޓްކޮށްފައި އޮތް ހަބަރު ލިމްޔާއަށް ލިބުނީ ނަރުސްކުއްޖެއްގެ ފަރާތުންނެވެ. ލިމްޔާއަށް ފުރަތަމަވެސް އަހާލެވުނީ ރަޔާންގެ ވާހަކައެވެ. ރަޔާން ހޮސްޕިޓަލުގެ ތެރެއިން ނުފެންނަކަމަށް އެކުއްޖާ ބުނުމުން ލިމްޔާ ދެރަވިއެވެ. އަނެއްކާ ރަޔާން ގެއްލުނީ ހެއްޔެވެ؟ ނޫނީ ރަޔާން ދިޔައީ ގެއަށް ހެއްޔެވެ؟ ލިމްޔާ އޭނާގެ ފޯނު ނަގާ ރަޔާންއަށް ގުޅިއެވެ. އޭރުވެސް ފޯނު އޮތީ ނިއްވާލާފައެވެ.

"ދަރިފުޅާ! ދޭބަލަ މި ތަށިބަރި ހިފައިގެން ހޮސްޕިޓަލަށް" ލިމްޔާ ގެއަށް ވަންތައް ފެނުމުން އޭނާގެ މަންމަ ބުނެލިއެވެ. "ނަފީސާގެ ދަރިފުޅު އެޑްމިޓްކޮށްފަ އޮތީމަ، މަންމަ ކައިރީ ބުނީ އެއްޗެއް ކައްކާލަދޭށޭ. މަންމަ މިހުރީ ވަރަށް ހަޑިކޮށް. މަންމަ ދާނަން ފެންވަރައިގެން"

ވޯޑުގެ ތެރެއަށް ވަން ލިމްޔާއަށް ހުއްޓެން މަޖުބޫރުވީ ނަފީސާ ދައްކަމުންދިޔަ ވާހަކަ އަޑުއިވުމުންނެވެ. އަވަސް އަވަހަށް ދޮރާއި ނިވާވެލުމަށްފަހު ނަފީސާ ދައްކަމުންދިޔަ ވާހަކައަށް ސަމާލުކަން ދިނެވެ.

"މަންމަ ކައިރީ ބުނެބަލަ ރަޔާން ދަރިފުޅަށް ގަދަކަމުން......" ނަފީސާގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން ޔަލްވީ ބޯޖަހައިލިއެވެ.

ނަފީސާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އައި ރުޅިން ދެއަތް މުށްކެވިގެން ދިޔައެވެ. ނަފީސާގެ ނޭވާވެސް ވަނީ އަވަސްވެފައެވެ. އޭނާއަށް ވެގެންވާނަމަ، ރަޔާންގެ ވަސްވެސް މިދުނިޔެއިން ފޮހެލާނެއެވެ. ރަޔާން އާއިމެދު ކުރެވުނު ޝައްކު ޔަގީނަށް ބަދަލުވުމުން، އެންމެ ހިނދުކޮޅަކުވެސް ރަޔާން ހަމަނޭވާލިޔަދޭކަށް ނަފީސާ ބޭނުމެއް ނުވިއެވެ.

ޔަލްވީގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ކަންބޮޑުވެފައިހުރި ނިމާލަށްވެސް ވީ ނަފީސާއަށް ވީވަރެވެ. ރަޔާންގެ ސަބަބުން، ނިމާލުގެ ހިތުގައި ނަފުރަތުގެ އަލިފާން ރޯވެ އަނދަން ފެށިއެވެ. ނިމާލަށް ރަޔާން ފެނުނީ އަހުލާގު ރަނގަޅު ކުއްޖެއްގެ ގޮތުގައެވެ. ރަޔާންވަރުގެ ދަރިއަކު ލިބޭނީ ނަސީބުވެރިއަކަށޭ ނިމާލުގެ ހިތަށް އެރިއެވެ. އެކަމަކު، އެއީ ނިމާލަށް ކުރެވުނު ކުށްހީއެކެވެ. ނިމާލުގެ ހުރި ހަމައެކަނި ދަރިފުޅުގެ އަބުރާ އިއްޒަތް ނަގާލި މީހެއްގެ ދިރިއުޅުން އޭނާއަށް ނަރަކައަކަށް ހަދާލެވިދާނެއެވެ.

ލިމްޔާ ހުރީ އަނގަމަތީގައި އަތް އަޅާލައިގެންނެވެ. ނަފީސާ ކުރި ސުވާލަށް އެއްބަސްވުމުގެ ގޮތުން، ޔަލްވީ ބޯޖަހާލި މަންޒަރު އޭނާއަށް ރީތިކޮށް ފެނުނެވެ. ލިމްޔާގެ ހިތް އެކީ ކުދިކުދިވެގެން ދިޔައެވެ. ރަޔާން އެފަދަ ކަމެއް ނުކުރާނެއެވެ. އެ ޔަގީންކަން ލިމްޔާއަށް އޮތެވެ. އެކަމަކު، ޔަލްވީ ރަޔާންގެ ބޮލުގައި އެވަރުގެ ތުހުމަތެއް އަޅުވަނީ ކީއްވެ ހެއްޔެވެ؟ އަމިއްލަ ނަފުސާއި ގަދަރަށް ވެސް ޔަލްވީ ވިސްނާ ނުލަނީ ހެއްޔެވެ؟ ލިމްޔާ އޭނާގެ އަތުގައި އޮތް ކޮތަޅުގައި ހިފާ ބާރުކޮށްލިއެވެ. އެވަގުތު މޭގައި ދިލަ ރިހުމެއް އުފެދިގެން ދިޔައެވެ.

(ނުނިމޭ)