04 Jul 2024, 15:05
އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ބުރުން މުބާރާތުގައި ދެވަނައަށް ސީޑުކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ތިންވަނަ ބުރުން ގައުފް ޖާގަ ހޯދާފައިވަނީ ދެވަނަ ބުރުގައި ރުމޭނިއާގެ އަންސާ ޓޮޑޯނީއާ ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.
ގައުފް މެޗު ކާމިޔާބުކޮށްފައިވަނީ 6-2 އަދި 6-1 އިންނެވެ.
ތިންވަނަ ބުރުގައި ގައުފް ބައްދަލުކުރާނީ ކޮލިފައިން ކުޅެގެން މި މުބާރާތުން ޖާގަހޯދި އިނގިރޭސިވިލާތުގެ ކުޅުންތެރިޔާ ސޮނޭ ކާޓާލްއާއެވެ. ކާޓާލް ތިންވަނަ ބުރުން ޖާގަ ހޯދީ ފަރަންސޭސިވިލާތުގެ ކްލާރާ ބުރޭލްއާ ބައްދަލުކުރި މެޗު 6-3، 5-7 އަދި 6-3 އިން ކާމިޔާބު ކޮށްގެންނެވެ.
މުބާރާތުގައި ހަތްވަނައަށް ސީޑުކުރެވިފައިވާ އިޓަލީވިލާތުގެ ޖޭސްމީން ޕައޮލީނީ ވެސް ވަނީ ތިންވަނަ ބުރުން ޖާގަ ހޯދައިފައެވެ. އޭނާ ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ބެލްޖިއަމްގެ ގްރީޓް މިނެންއާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.
ނަމަވެސް، ފުރަތަމަ ސެޓު ޕައޮލިނީއަށް ކާމިޔާބުކުރެވުނީ ވަރަށް އުނދަގުލުންނެވެ. މި ގޮތުން އޭނާއަށް ޖެހުނީ ޓައިބްރޭކަކަށް ގޮސް 7-5 އިން ޓައިބްރޭކް ކާމިޔާބުކުރާށެވެ. ދެވަނަ ސެޓު ޕައޮލީނީ ކާމިޔާބުކޮށްފައިވަނީ 6-2 އިންނެވެ.
ތިންވަނަ ބުރުގައި ޕައޮލީނީ ބައްދަލުކުރާނީ ކެނެޑާގެ ބިއާންކާ އެންޑްރީސްކޫއާއެވެ.
މުބާރާތުގެ ތިންވަނަ ބުރުން ނުވަވަނައަށް ސީޑުކުރެވިފައިވާ މާރިއާ ސަކާރީ ޖާގަ ހޯދީ ދެވަނަ ބުރުގައި ނެދަލަންޑްސްގެ އަރަންޓްޒާ ރުސްއާ ބައްްދަލުކުރި މެޗު 7-5 އަދި 6-3 އިން ކާމިޔާބުކޮށްގެންނެވެ.
ސަކާރީ ތިންވަނަ ބުރުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މި ފަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އިނގިރޭސިވިލާތުގެ އެމާ ރަޑުކަނޫއާއެވެ. ރަޑުކާނޫ ތިންވަނަ ބުރުން ޖާގަ ހޯދީ ދެވަނަ ބުރުގައި ބެލްޖިއަމްގެ އެލީސް މަޓެންސްއާ ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ، 6-2 އަދި 6-2 އިންނެވެ.