މާލޭގެ އިންފްލޭޝަން، ތަކެތީގެ އަގުތައް އުފުލުނު ވަރު މިދިޔަ މަހު ދަށަށް ގޮސްފައިވާ ކަމަށް ޕްލޭނިން ޑިޕާޓްމެންޓުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޕްލޭނިން ޑިޕާޓްމަންޓުން އިއްޔެ އާންމު ކޮށްފައިވާ އިންފްލޭޝަން ބަލާ މިންގަޑު ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާގޮތުން މިއަހަރުގެ އެޕްރީލް މަހާއި އަޅާބަލާއިރު މިދިޔަ މަހުގެ އިންފްލޭޝަން ރޭޓް ވަނީ 1.95 ޕަސެންޓް ދަށަށްގޮސްފަ އެވެ. ފެބްރްއަރީ މަހުން ފެށިގެން މަހުން މަހަށް އިންފްލޭޝަން ރޭޓް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން މިއަހަރުގެ މާޗް މަހާއި އެޕްރީލް މަހާއި އަޅާބަލާއިރު ވެސް އިންފްލޭޝަން ރޭޓް ވަނީ 0.09 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ޕްލޭނިން ޑިޕާޓްމެންޓުން ބުނީ އިންފްލޭޝަން ރޭޓް ދަށަށް ދިޔައީ މަހުގެ އަގުތަކާއި ގޯތި ގެދޮރާއި ކަރަންޓާއި ފެނާއި އަދި ތެލުގެ އަގުތައް ދަށަށް ގޮސްފައިވާތީ ކަމަށެވެ.

މަސް ދުވަވަހުގެ ތެރޭގައި މާލޭގެ އިންފްލޭޝަން ރޭޓް ދަށަށް ދިޔަނަމަވެސް އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓް ހުރީ 14.69 ޕަސެންޓު ގަ އެވެ. ނަމަވެސް އޭގެ ކުރީ އެޕްރީލްމަހު އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓް ހުރީ 15.05 ޕަސެންޓްގަ އެވެ. އަދި މި އަހަރުގެ މޭ މަހާއި އަޅާބަލާއިރު މިދިޔަ އަހަރުގެ މޭ މަހު އިންފްލޭޝަން ރޭޓްވެސް ވަނީ 9.13 ޕަސެންޓަށް އުފުލިފަ އެވެ. އެ ބައިން އިންފްލޭޝަން މައްޗަށް ދިޔައީ ކެފޭ ހޮޓާ ރެސްޓޯރަންޓް އަދި ފަރުނީޗަރުގެ އަގުތައް މައްޗަށް ގޮސްގެންނެވެ.

ޖެނުއަރީ އެކަކުން ފެށިގެން ރާއްޖެ އެތެރާ ކުރާ ގިނަ ބާވަތްތަކަކުން ޑިއުޓީ ކަޑާލުމާއި އެކު އިންފްލޭޝަނަށް ކޮންމެވެސް ވަރަކަށް ބަދަލު އައެވެ. އެގޮތުން ބައެއް ތަކެތީގެ އަގު ދަށް ވެސް ވިޔެވެ. އެގޮތުން ކޯސްޓް ކިރާއި، ކޮފީ އަދި ސެންޓްގެ އަގު އޭރު ތިރިވި އެވެ.