04 Jul 2024, 15:47
ޣައްޒާ (4 ޖުލައި 2024): ޣައްޒާގައި އިސްރާއީލު ސިފައިންގެ ދެ އޮފިސަރު މަރާލައި ސިފައިންގެ ހަތް މީހަކު ޒަޚަމުކޮށްލައިފިއެވެ.
އިސްރާއީލުގެ އަސްކަރީ ބަޔާނެއް ބުނާގޮތުން މިއަދު ފަތިހު ޣައްޒާގެ އުތުރުގައި ހަމާސުން ދިން ހަމަލާތަކެއްގައި އިސްރާއީލުގެ ބެޓަލިއަން 75 ގައި ހިމެނޭ އޮފިސަރަކުވަނީ މަރުވެފައެވެ. އަދި، ސިފައިންގެ ހަތަރު މީހަކު ޒަޚަމުކޮށްލާފައިވާއިރު އެކަކުގެ ހާލަތު ވަރަށް ސީރިއަސްއެވެ.
އިސްރާއީލުގެ އަސްކަރީ އެހެން ބަޔާނެއް ބުނާގޮތުން ޣައްޒާގެ ދެކުނުގައި އިއްޔެވަނީ އިސްރާއީލުގެ ޑިވިޝަން 98 ގެ އޮފިސަރަކު މަރުވެ، އިތުރު ތިން ސިފައިން ޒަޚަމުވެފައެވެ.
ޣައްޒާއަށް އަރައިގަނެގެން އުޅޭ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން ބުނީ މި ދެ ސަރަހައްދުގައި އިސްރާއީލުގެ ބާރުތަކާ ކުރިމަތިލައި އެ މީހުން ދަންތުރަތަކެއްގައި ޖައްސައި ސިފައިންތަކެއް މަރާލައި އަނެއްބައި ސިފައިން ޒަޚަމުކޮށްލާފައިވާނެ ކަމުގައެވެ.
ހަމާސްއިންވަނީ އިސްރާއީލު ސިފައިންގެ މީހެއްގެ ބޮލަށް ރޮކެޓެއް އަމާޒުކޮށް، އެ މީހާ މަރާލި މަންޒަރު ދައްކާ ވީޑިއޯއެއް އާންމުކޮށްފައެވެ. އަދި، އިސްރާއީލުގެ ޓޭންކެއްގައި ބޮމެއް ހަރުކޮށް އެ ބޮމާ އެކު އެ ޓޭންކް ގޮއްވާލާމަންޒަރުގެ ވީޑިއޯ އެއްވެސް ހަމާސްއިންވަނީ އާންމުކޮށްފައެވެ.
އިސްރާއީލު ސިފައިންވަނީ ޣައްޒާގެ އައްޝުޖާއިއްޔާ އަވަށް ބޮން އަޅައި އެތައް ބަޔަކު ޝަހީދުކޮށްލާފައެވެ.
ޣައްޒާގެ މެދުތެރޭގައިވާ އެތައް ތަނަކަށް ވެސް އިސްރާއީލުގެ އަސްކަރީ ޖެޓްތަކުންވަނީ ބޮންއަޅާފައެވެ. އަސްކަރީ ޖެޓްތަކުން ބޮންއެޅި ތަންތަނުގެ ތެރޭގައި ފަލަސްތީނުގެ ނޫސްވެރިއެއްކަމަށްވާ މުހައްމަދުލްކުވައިފީގެ ގެ ހިމެނެއެވެ. މި ހަމަލާގައި އޭނާގެ އަންހެނުންނާއި ތިން ދަރިންވަނީ ޝަހީދުކޮށްލާފައެވެ.
ޣައްޒާގެ މެދުތެރެއަށް އިސްރާއީލުން އެޅި ބޮންތަކުން މި ހަތަރު މީހުންނާއެކު ފަލަސްތީނުގެ 30 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި، 50 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުކޮށްލާފައެވެ. ޣައްޒާގެ ނުސައިރާތު ރެފިއުޖީ އަވަށަށް ހަމަލާދީ އިސްރާއީލުންވަނީ 15 މީހަކު ޝަހީދުކޮށްލާފައެވެ.
މިއާއެކު އިސްރާއީލުން ފާއިތުވި 24 ގަޑީއިރު ތެރޭގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދުވަނީ 45 އަށް އަރާފައި ކަމަށް ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ ސަރުކާރުން ބުނެފައިވެއެވެ.