އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގެ ވޯޓުލާން މިއަދު ފަށައިފިއެވެ.

ވޯޓުލާން ފަށައިފައިވަނީ ރާއްޖެ ގަޑިން ހެނދުނު 11 ޖެހިއިރުއެވެ. ވޯޓު ފޮށިތައް ބަންދުކުރާނީ ރާއްޖެ ގަޑިން މެންދަމު 2 ޖަހާއިރެވެ. ވޯޓު ނަތީޖާ މާދަމާ އިއުލާނުކުރާނެ ކަމަށް ބެލެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އާންމު އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހުގެ 650 މެންބަރުން އިންތިޚާބުކުރަން ވޯޓުލާނެއެވެ. އާ ސަރުކާރު ގާއިމުކުރާނީ ހައުސް އޮފް ކޮމަންސްގެ އަޣުލަބިއްޔަތު ލިބޭ ޕާޓީއަކުން ނުވަތަ ކޯލިޝަން ޕާޓީތަކަކުންނެވެ. ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނީ އެ ޕާޓީގެ ލީޑަރެވެ.

ހައުސް އޮފް ކޮމަންސްގެ އަޣުލަބިއްޔަތު ހޯދުމަށް ޕާޓީއަކަށް މަދުވެގެން 50 އިންސައްތަ ގޮނޑި ނުވަތަ 326 ގޮނޑި ކާމިޔާބުކުރަންޖެހެއެވެ. އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ އެންމެ ބޮޑު ޕާޓީއަށް އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދަން އިޚްތިޔާރުކުރެވިދާނެއެވެ.

އަށާރަ އަހަރުން މަތީގެ ކޮންމެ މީހަކަށް އާންމު އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. ގާތްގަޑަކަށް 50 މިލިއަން މީހުން ވަނީ ވޯޓު ލުމަށް ރެޖިސްޓްރީކޮށްފައެވެ.

މިހާރު ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީއާއި އިދިކޮޅު ލޭބާ ޕާޓީއަކީ އަބަދު ވެސް އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހުގައި ވެރިކަން ކުރަމުން އަންނަ ދެ ޕާޓީއެވެ.

ޓޯރީސްގެ ނަމުން ވެސް ނަންދެވިފައިވާ ކޮންޒަވޭޓިވް ޕާޓީއަކީ ކާނާތު ފިޔައިގެ ޕާޓީއެކެވެ. އެ ޕާޓީން އާންމު އިންތިޚާބުގައި ވާދަކުރައްވަނީ މިހާރުގެ ބޮޑު ވަޒީރު ރިޝީ ސުނާކެވެ.

ލޭބާ ޕާޓީއަކީ ވާއަތު ފިޔައިގެ ޕާޓީއެކެވެ. އެ ޕާޓީގެ އިސްވެރިޔަކީ ކޭއާ ސްޓާމައެވެ. އެ ޕާޓީން އެންމެ ފަހުން ވެރިކަން ކުރީ 1997 އިން 2010 އާ ދެމެދުއެވެ. އޭރުގެ ބޮޑު ވަޒީރަކީ ޓޯނީ ބްލެއާއެވެ.

އެ ދެ ޕާޓީގެ އިތުރުން ލިބަރަލް ޑިމޮކްރެޓްސް، ގްރީންސް، ރީފޯމް ޔޫކޭ، ސްކޮޓިޝް ނޭޝަނަލް ޕާޓީ،ޕްލެއިޑް ސީމްރޫ އަދި ޑިމޮކްރެޓިކް ޔޫނިއަސްޓް ޕާޓީން ވެސް އިންތިޚާބުގައި ވާދަކުރެއެވެ.

އިނގިރޭސިވިލާތުގައި ބާއްވާ އާންމު އިންތިހާބުތައް ބާއްވަން ޖެހޭނީ ފަސް އަހަރަށް ވުރެ މުއްދަތު ދިގުނުވާ ގޮތަށެވެ. އެންމެ ފަހުން އާންމު އިންތިހާބު ބޭއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އެހެންވެ، މި އަހަރުގެ ޑިސެންބަރުގެ ނިޔަލަށް އާ އިންތިޚާބު ނުބާއްވާ މަޑުޖައްސާލެވޭނެއެވެ. ނަމަވެސް، މި މަހު އާ އިންތިޚާބު ބާއްވާނެކަން މެއި މަހުގެ 22 ވަނަ ދުވަހު ބޮޑު ވަޒީރު ރިޝީ ސުނާކު އިއުލާނުކުރެއްވުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމެކެވެ.

އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހު ދިރާސާކުރައްވާ ޔުނިވާސިޓީ އޮފް ސްޓްރެތްކްލައިޑްގެ ޕޮލިޓިކްސް ޕްރޮފެސަރު ޖޯން ކާޓިސް ވިދާޅުވާ ގޮތުގައި އެއީ ސުނާކުގެ އަރިސް ބޭފުޅުން ފިޔަވައި އެހެން މީހުންނަށް ނޭގޭ ސިއްރެއް ހިމެނޭ ކަމެކެވެ.

އިންތިޚާބު އަވަސް ކުރުމުން ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދައިފައެވެ.