04 Jul 2024, 12:34
ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި 20 ކާޓްރިޖް މަސްތުވަތަކެތި އަތުލައިގެންފިއެވެ.
މި ތަކެތި އަތުލައިގެންފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތަކާ ގުޅިގެން، ޑުރަގު އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކު މާލޭ ސަރަހައްދުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ، މިދިޔަ އަންގާރަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ކުރިއަރުން އޭނާ ހަވާލުވި ޕާރުސަލް ބަލައިފާސްކުރި ކަމަށެވެ. އަދި، އެ ޕާރުސަލް ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 20 ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ޑުރަގު އެންފޯސްމަންޓުން މި މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.
ރާއްޖެ އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއާއި ޑުރަގު އެންފޯސްމަންޓު ގުޅިގެން އަބަދު ވެސް އަތުލައެވެ. އެ ގޮތުން، މި އަހަރުގެ އޭޕްރީލް އަދި މޭ މަހު ވެސް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުން 7.840 ކިލޯގުރާމުގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވެއެވެ. އެ ތަކެތީގެ މަގުމަތީ އަގު 17 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޭރު ކަސްޓަމުން މައުލޫމާތު ދިނެވެ.