04 Jul 2024, 11:51
ރީޖަނަލް ހޮސްޕިޓަލްތަކުން ޚިދުމަތްދޭ ވަގުތު އިތުރުކުރުމަށް ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފަށަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ދެ ދަންފަޅިއަށް ޚިދުމަތްދޭން ފަށަން ނިންމާފައި ވަނީ، ގދ ތިނަދޫ ގައި ހުންނަ ޑރއަބްދުއްޞަމަދު ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކަމަށެވެ.
މި ހޮސްޕިޓަލްތަކުގެ ޚިދުމަތް ދެދަންފަޅިއަށް ބަދަލުކުރާނީ މި މަހުގެ 15ވަނަ ދުވަހުން ފެށިގެންނެވެ.
މީގެ އިތުރުން، މިދިޔަ ހޯމަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވެސް ވަނީ ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފަށާފަ އެވެ.
ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފެށުމުގެ ކުރިން ރީޖަނަލް ހޮސްޕިޓަލްތަކުގައި ޚިދުމަތް ދިނީ ހެނދުނު 08:30 އިން 16:30 އަށެވެ. ނަމަވެސް، މިހާރު ދެ ދަންފަޅިއަށް ޚިދުމަތް ބަދަލުކުރުމުން ޚިދުމަތް ދޭނީ 08:30 އިން 15:00 އަށް އަދި 15:00 އިން 22:00އާ ހަމައަށެވެ.
ރީޖަނަލް ހޮސްޕިޓަލް ތަކުން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފެށުން އެތަންތަނުން ޚިދުމަތް ހޯދާ ރައްޔިތުންނަށް އެތަށްގޮތަކުން ލުއިފަސޭހަތަކެއް ލިބޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.