19 Jun 2012, 10:46
ނޭޝަނަލް އިންކްއަރީ ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވާ ސިންގަޕޫރުގެ ރިޓަޔާޑް ޖަޖު ޖީޕީ ސެލްވަމަކީ ސިންގަޕޫރުގެ ސަރުކާރުން އައްޔަންކޮށް ފައިވާ ބޭފުޅެއް ނޫންކަމަށް ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ބުރެޒިލްގެ ރިއޯޑި ޖެނެރޯގައި ކުރިއަށްދާ 20+ ސަމިޓަށް ފުރާވަޑައިގަމުގެ ކުރިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކޮމިޝަނުގެ މެންބަރަކަށް ވެވަޑައިގަތުމަށް ސިންގަޕޫރުގެ ދެ ފަނޑިޔާރަކު ކުރިމަތި ލެއްވި ކަމަށާއި ދެ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅު ފަނޑިޔާރަކު ރެކްރޫޓް ކުރައްވާފައިވަނީ ކޮމަން ވެލްތު މެދުވެރިކޮށް ކަމަށެވެ. ކޮމިޝަނުގައި ސެލްވަމް ބައިވެރިވެ ވަޑައިގެންނެވީ އަމިއްލަފުޅު ހައިސިއްޔަތުން ކަމަށް ވެސް ވިދާޅުވި އެވެ.
"ސެލްވަމް ރެކްރޫޓް ކުރައްވާފައިވަނީ ކޮމަންވެލްތު މެދުވެރިކޮށް. އެހެންވީމަ ކޮމަންވެލްތު ގަބޫލުކުރާ ފަނޑިޔާރެއްގެ ގޮތުގައި އެބޭފުޅާ އަމިއްލަ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނަވަނީ އެއްވެސް ހާލެއްގައި އެބޭފުޅާ ބައިވެރިވެ ވަޑައިގެންނަވަނީ ސިންގަޕޫރުގެ ސަރުކާރުގެ ރަސްމީ ހައިސިއްޔަތަކުން ނޫން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންކްއަރީ ކޮމިޝަނުގައި މަސައްކަތް ކުރައްވަން ޝައުގުވެރިވެ ވަޑައިގެންނެވިފަނޑިޔާރުންގެ ސީވީ ކޮމަން ވެލްތުން ބެލުމަށް ފަހު ބޭފުޅަކު އިހުތިޔާރުކުރީ ކޮމަން ވެލްތުން ކަމަށާއި ނަމަވެސް އިންކްއަރީ ކޮމިޝަނުގެ ކޯޗެއާކަަށް ސެލްވަމް ހަމަޖެއްސެވީ ސަރުކާރުން ވެސް ބެލުންތަކެއް ބަލާފައި ކަމަށެވެ.
ނެޝަނަލް އިންކްއަރީ ކޮމިޝަން އަލުން ރައީސް އުފެއްދެވި އިރު އެކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ރައީސް އިސްމާއިލް ޝަފީއުއާއި ޑރ އިބުރާހިމް ޔާސިރު އަހުމަދާއި، ޑރ. އަލީ ފަވާޒު ޝަރީފާއި، ސިންގަޕޫރުގެ ރިޓަޔާޑް ފަނޑިޔާރު ޖީޕީ ސެލްވަމާއި، ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވާ އަހުމަދު ސައީދު (ގަހާ ސައީދު) އެވެ.
ސެލްވެމްއަކީ ސިންގަޕޫރުގެ ހައިކޯޓުގެ ފަނޑިޔާރުކަން 10 އަހަރުދު ވަސް ވަނެދެން ކުރައްވާ ފައިވާ ބޭފުޅެކެވެ.