ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ބުރުން މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ޖާގަހޯދައިފިއެވެ.

މުބާރާތުގެ ތިންވަނަ ބުރުން ސިނާ ޖާގަހޯދީ އަމިއްލަ ޤައުމަށް ނިސްބަތްވާ އަދި ގާތް ރަހުމަތްތެރިއެއް ކަމަށްވާ މަޓިއޯ ބެރެޓީނީއާ ބައްދަލުކޮށް ތިން ސެޓު އެއް ސެޓުންނެވެ.

ސެންޓާ ކޯޓުގައި ރޭ ކުޅުނު މެޗުވީ ވަރަށް ފޯރިގަދަ އަދި އެހާމެ ބަލާހިތްވާ މޮޅު ކުޅުމެއް ދެ ކުޅުންތެރިންގެ ފަރާތުން ވެސް ފެނިގެންދިޔަ މެޗަކަށެވެ. މެޗުގެ ފުރަތަމަ ސެޓު ޓައިބްރޭކަކަށް ގޮސް 7-3 އިން ސިނާ ފުރަތަމަ ސެޓު ކާމިޔާބުކުރިއިރު ދެވަނަ ސެޓު ވެސް ނިމުނީ ޓައި ބްރޭކަކަށް ގޮސްގެންނެވެ. މި ސެޓުގެ ޓައިބްރޭކް ސިނާ ކާމިޔާބުކުރީ 7-4 އިންނެވެ.

ޖެހިގެން އައި ތިންވަނަ ސެޓުގައި ބެރެޓީނީ ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް އެ ސެޓު 2-6 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް، ސިނާ ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއަކަށްވީ ހަތަރުވަނަ ސެޓު އަނެއްކާ ވެސް ޓައި ބްރޭކަކަށް ގޮސް 7-4 އިން ސިނާ ކާމިޔާބުކޮށް މެޗުން މޮޅުވުމެވެ.

މިދިޔަ 2021 ވަނަ އަހަރުގެ ވިމްބަލްޑަން ފައިނަލްގައި އެއް ކޮޅުން ވާދަކުރި ބެރެޓީނީއަކީ ފަހަކާ ޖެހެންދެން ޓެނިހުގެ ދުނިޔޭގައި އިޓަލީވިލާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކުރެވިފައިވި ކުޅުންތެރިޔާއެވެ. ނަމަވެސް، އުމުރުން 22 އަހަރުގެ ސިނާގެ މޮޅު ކުޅުމާ އެކު އޭނާ ވަނީ އިޓަލީވިލާތުގެ އިތުރުން ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ މަގާމަށް ވެސް އައިސްފައެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ސިނާ ބުނީ، ބެރެޓީނީއަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި އެއްކޮށް ޑޭވިސް ކަޕް ކުޅުމުގެ އިތުރުން ދޭތެރެ ދޭތެރެއިން އެއްކޮށް ޕްރެކްޓިސް ވެސް ކުރާ ކަމަށެވެ. އެހެންކަމުން މި ކަހަލަ ބޮޑު މުބާރާތެއްގެ ދެވަނަ ބުރުގައި ބެރެޓިނީ ކަހަލަ ކުޅުންތެރިޔަކާ ކުޅެން ޖެހުމުން އުނދަގޫވި ކަމަށެވެ.

މުބާރާތުގެ ތިންވަނަ ބުރުގައި ސިނާ ބައްދަލުކުރާނީ ދެވަނަ ބުރުގައި 27 ވަނައަށް ސީދު ކުރެވިފައިވި ނެދަލަންޑްސްގެ ޓެލޮން ގްރީކްސްޕޯ ބަލިކޮށް ތިންވަނަ ބުރުން ޖާގަހޯދި ސާބިއާގެ މިއޮމީރު ކެޗްމަނޯވިޗާއެވެ.

މުބާރާތުގެ ތިންވަނަ ބުރުންވަނީ އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގައި ތިންވަނައަށް ސީޑުކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ވެސް ޖާގަ ހޯދައިފައެވެ. އޭނާ ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި އޮސްޓްރޭލިއާގެ އެލެކްސެންޑާ ވުކިޗާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ވުކިޗް ވަރަށް ހިތްވަރުކޮށް ޓައި ބްރޭކަކަށް ގެންދިޔަ ނަމަވެސް އެ ސެޓު އަލްކަރާޒްވަނީ 7-5 އިން ޓައިބްރޭކް ކާމިޔާބުކޮށްފައެވެ. އަދި، ޖެހިގެން އައި ދެ ސެޓު އަލްކަރާޒްވަނީ ފަސޭހަކަމާ އެކު 6-2 އަދި 6-2 ކާމިޔާބުކޮށްފައެވެ.

އުމުރުން 21 އަހަރުގެ އަލްކަރާޒް މަސައްކަތް ކުރަމުން އަންނަނީ ޖެހިޖެހިގެން ދެ ގްރޭން ސްލޭމް ކާމިޔާބުކުރާށެވެ. އޭނާ ވަނީ މިދިޔަ މަހު ނިމުނު ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ހާސިލުކޮށްފައެވެ. ތިންވަނަ ބުރުގައި އަލްކަރާޒް ބައްދަލުކުރާނީ 29 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ފްރަންސެސް ޓިއަފޯއާއެވެ. ޓިއަފޯ ތިންވަނަ ބުރުން ޖާގަހޯދީ ކްރޮއޭޝިއާގެ ބޯނާ ކޯރިޗާ ބައްދަލުކުރި މެޗު 7-6، 6-1 އަދި 6-3 އިން ކާމިޔާބު ކޮށްގެންނެވެ.

އެހެން މެޗުތަކަށް ބަލާލާއިރު ފަސްވަނައަށް ސީޑުކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވްވަނީ ފަރަންސޭސިވިލާތުގެ އެލެކްޒެންޑާ މުލާ ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށްފައެވެ. ތިންވަނަ ބުރުގައި މެޑްވެޑޭވް ބައްދަލުކުރާނީ ޖަރުމަނުވިލާތުގެ ޔާން ލެނާޑް ސުޓުރުފާއެވެ. އަށްވަނައަށް ސީޑުކުރެވިފައިވާ ނޯވޭގެ ކެސްޕާ ރޫޑްވަނީ އިޓަލީވިލާތުގެ ފަބިއޯ ފޮގީނީ އަތުން ތިން ސެޓު އެއް ސެޓުން ބަލިވެފައެވެ. މިއީ މުބާރާތުގެ ދެވަނަ ބުރުން ރޫޑް ޖެހިޖެހިގެން ބަލިވި ތިންވަނަ ފަހަރެވެ.