Last Updated: 1 decade 3 year ago
މ. މުއްދޫ ގޭގެ ހަވަނަ ބުރިން ވެއްޓުނު އެމީހާއަށް ލިބުނު ޒަހަމަތައް ސީރިއަސް ވެފައިވާއިރު އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ އިމާރާތެއްގެ މަތިން ވެއްޓިގެން މިއަދު ހެނދުނު ގެނައި ބިދޭސީ އެ މީހާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ވަރަށް ދެރަ ކަމަށެވެ. އެމީހާ އޮތީ ކޯމާއެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.
"ޕޭޝަންޓް އޮތީ ވަރަށް ކްރިޓިކަލް ހާލަތުގައި. ޒަހަމްތަކުގެ ސަބަބުން އެތެރެހައްޓަށް ލޭ ފޭދުން ވަނީ އިތުރުވެފައި، އޭނާގެ ހެއެއް ވެސް ނެތް،" ޒީނަތު ވިދާޅުވި އެވެ.
ހަދަމުންދިޔަ އިމާރާތުގެ މަސައްކަތުގައި އުޅެނިކޮށް ބަންގްލަދޭޝްގެ އެ މީހާ ވެއްޓުނީ މިއަދު ހެނދުނު 8:15 އެހާކަން ހާއިރު އެވެ. އޭނާއަކީ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމެއް ސާފެއް ނުވެއެވެ.
ފުލުހުން ބުނީ ބިދޭސީ މީހާ ވެއްޓި ޒަހަމްވީ އިމާރާތުގެ ހަވަނަ ބުރީގައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށައި އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު މައްސަލައިގެ ތަހުގީގު ވެސް ފަށާފައިވާ ކަމަށެވެ. ފުލުހުން ވެސް އެމީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ..
މިދިއަ އަހަރު ވެސް އިމާރާތެއްގައި މަސައްކަތް ކުރަން އުޅުނު ބިދޭސީއަކު ވެއްޓި ޒަހަމްވި އެވެ. އަދި މަސައްކަތް ކުރުމުގެ ތެރޭގައި އަނިޔާވާ ބިދޭސީންނަށް އެމީހުން ރާއްޖެ ގެނެސްގެން އުލޭ ފަރާތްތަކުން އަޅާ ނުލައި މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވާއިރު މިދިއަ އަހަރު މަރުވި ބިދޭސީން ރާއްޖެއިން ފޮނުވާލުމުގަ އާއި ވަޅުލުމުގައި ވެސް މައްސަލަތަކެއް ދިމާވި އެވެ.