03 Jul 2024, 22:16
ހުޅުމާލެ ފޭސް ދޭއްގައި ވިޔަފާރި އިމާރާތްތައް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިން ވިއްކާ އުސޫލުން ކުރިމަތިލާން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ހުޅުވައިލައިފިއެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ކަމަށް ހަމަހަމަ ފުރުސަތެއް ދިނުމަށް ޓަކައި އެ ކަމަށް ޝައުގުވެރިކަން ހުށަހެޅުމަށް މިހާރު ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ.
މި މޮޑެލުގައި ވިޔަފާރި އިމާރާތް ތަރައްގީކޮށް ހިންގުމުގެ ޒިންމާ އުފުލާނީ ޑިވެލޮޕަރުން ކަމުގައި އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ މި މަޝްރޫއަށް، އެއް ހުށަހެޅުމަށްވުރެ ގިނަ ހުށަހެޅުން ލިބިއްޖެނަމަ، އިސްކުރާނީ އެޗްޑީސީގެ ވިޝަނާއި ސްޓްރެޓެޖިކް މަގްސަދުތަކާއި މާސްޓާ ޕްލޭނާ އެންމެ ގުޅޭ ހުށަހެޅުންތައް ކަމަށެެވެ.
އަދި ހުށަހެޅުންތައް ވަޒަންކުރުމުގައި، ހުށަހަޅާފައިވާ ބިމުގެ އަގާއި ފައިސާ ދެއްކުމުގެ މުއްދަތު އަދި ފައިނޭންސްކުރުމުގެ ގާބިލުކަމަށް ބެލެވޭނެ ކަމުގައި ވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.
މީގެއިތުރުން، އެއްވެސް ހުށަހެޅުމެއް ގަބޫލުކުރުމުގެ ނުވަތަ ބާތިލުކުރުމުގެ ހައްގާއި، އީއޯއައި ޕްރޮސެސް ބާތިލުކޮށް ހުރިހާ ހުށަހެޅުންތަކެއް ބާތިލުކުރުމުގެ ހައްގު އެޗްޑީސީއަށް ލިބިގެންވާކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތަށް ބާތިލުކޮށްފިނަމަ އެކަން ހުށަހެޅި ފަރާތްތަކަށް އަންގާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އީއޯއައި ހުށަހަޅާއިރު، އަކަފޫޓަކަށްވާ ފައިސާގެ އަދަދު ދިވެހި ރުފިޔާއިން ބަޔާންކޮށް، ފައިސާ ދެއްކުމުގެ މުއްދަތު ވެސް ބަޔާންކުރަންވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަދި ހުށަހަޅާ މުއްދަތު ހަ މަސްދުވަހަށްވުރެ އިތުރުވެގެން ނުވާނެ ކަމަށާއި އެއަށްވުރެ ކުރު މުއްދަތެއް ހުށަހަޅާނަމަ ޑިސްކައުންޓް ލިބޭނެކަމަށް ވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.