03 Jul 2024, 21:02
ކުރިއަށްއޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފައެވެ.
"ސަން" އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ދެކުނު ގެ ހިސާބުތައް ފިޔަވައި އެހެން ހުރިހާ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
އެ އޮފީހުން ބުނީ މި ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ރާޅުތަކުގައި ހަތަރު ފޫޓު އުސްމިން ހުންނާނެ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދަށް ގަޑިއަކު ފަސް މޭލާއި 15 މޭލަށް ވައި ގަދަވާނެ ކަމަށާއި ވިލާގަނޑަކު 30 މޭލާއި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އޮފީހުން ވަނީ މިއަދު ހަވީރު 16:45 އިން ފެށިގެން މިރޭ 22:30 އަށް ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ.
މިހާރު ކުރަމުން މި އަންނަނީ މޫސުމީ ވިއްސާރައެއް ކަމަށް ބުނެ މެޓް އޮފީހުން ބުނީ މި ވިއްސާރަ އަލިވާނީ އަންނަ ހޮނިހިރު ހިސާބުގައި ކަމަށެވެ.