03 Jul 2024, 20:02
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ފެންވަރުގެ މެމްބަރުން ގިނަ ބޮޑު ޕާޓީއަކަށް ހެދުމަށް ޓަކައި، ޕާޓީގެ ހިންގުން ހަރުދަނާކޮށް މެމްބަރުން އިތުރުކުރުމަށް މަސައްކަތް ކުރުމަށް މިއަދު މަޝްވަރާކޮށްފިއެވެ.
މިއަދު ވަނީ އެ ޕާޓީގެ ޕޮލިސީ އެންޑް ޑިވެލޮޕްމަންޓް ކައުންސިލްގެ ބައްދަލުވުމެއް ބާއްވައިފައެވެެ. މިއީ އެ ކައުންސިލަށް އަލަށް ހޮވުނު މެމްބަރުންނާއެކު ބޭއްވި އެންމެ ފުރަތަމަ ބައްދަލުވުން ވެސް މެއެވެ.
މި ބައްދަލުވުން ޗެއާކުރެއްވީ އެ ޕާޓީގެ ނައިބު ރައީސް, އަދި ތަރުޖަމާނު، ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އައްބާސެވެ.
މި ބައްދަލުވުމުގައި ކުރެވުނު މައިގަނޑު މަޝްވަރާތަކުގެ ތެރޭގައި ޕާޓީ ވަރުގަދަކޮށް، ބޮޑު ޕާޓީއަކަށް ހެދުމަށް ކުރެވެން ހުރި ކަންކަން ހިމެނެއެވެ.

ހަމައެއާއެކު ޕާޓީގެ އެތެރޭގެ އެހެން މަގާމުތަކަށް މެމްބަރުން އައްޔަންކުރުމާ ގުޅޭގޮތުންނާއި، އާންމު މެމްބަރުންގެ އަދަދު އިތުރުކުރުން ހިމެނެއެވެ.
"ދުވަހުން ދުވަހަށް ސިޔާސީ ޕާޓީއެއް ހިނގާ ގޮތަށް މި ޕާޓީ މުސްތަގްބަލުގައި ހަމަ ބޮޑު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ވުމަށް މަޝްވަރާކުރެވުނީ ބޮޑަށް،" އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ މިހާރު ވެސް އެމްޑީއޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ. ރާއްޖޭގެ އެކި ކަން ކޮޅުތަކުން މެމްބަރުން އިތުރުކުރުމަށް ޓަކައި މިހާރު ވެސް މަސައްކަތް އަންނަނީ ކުރެވެމުންނެވެ.
އެމްޑީއޭ ތަމްސީލުކުރައްވާ މެމްބަރުންގެ ގޮތުގައި މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި، އައްބާސްގެ އިތުރުން އެ ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވެސް އަންނަނީ މީދޫ ދާއިރާ ތަމްސީލުކުރައްވަމުންނެވެ.
ސިޔާސީ ގޮތުން ޕާޓީ ވަރުގަދަކުރަން މަސައްކަތް ފަށައިފައިވާއިރު މި ފަހުން ވެސް ވަނީ އެމްޑީއޭގެ ގައުމީ މަޖިލިސް ބައްދަލުވުމެއް ބާއްވައިފައެވެ.