03 Jul 2024, 20:12
ހިޖުރީ އައު އަހަރު ފެށޭ ދުވަސް ބަދަލު ނުވާތީ އަންނަ އާދިއްތައިގައި ކުރިއެކޭ އެއްގޮތަށް އެ ދުވަހު ސަރުކާރު ބަންދުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޖުރީ އައު އަހަރު ފެށޭ ދުވަސް ބަދަލުނުވާތީ އާދިއްތަ ދުވަސްކަމަށްވާ މި މަހުގެ ހަތްވަނަ ދުވަސް ކުރިން ވެސް ކަނޑައެޅިފައިވާ ގޮތަށް ބަންދުވާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ހައްޖު މަހުގެ ކަލަންޑަރަށް ބަދަލު ގެނައީ އަރަފާތު ދުވަސް ސައުދީ އަރަބިއްޔާއާ އެއް ދުވަހަކަށް ހެދުމަށް ޓަކައެވެ. އެގޮތުން ކަލަންޑަރުގައި ހައްޖު މަސް ފެށޭ ދުވަހަކަށް މީގެ ކުރިން އޮތީ މިދިޔަ މަހުގެ އަށްވަނަ ދުވަސް ނަމަވެސް ސައުދީއަށް ހަނދު ފެނުމުން، ހަޔެއް ޖޫންގައި ހައްޖު ދުވަސް ފެށޭ ކަމަށް ނިންމިއެވެ.
އެ ބަދަލާއެކު އަރަފާތު ދުވަސް އެ މަހުގެ 16 ވަނަ ދުވަހުން 15 ވަނަ ދުވަހަށް ވަނީ އަވަސް ވެފައެވެ. އެހެންވެ ކަލަންޑަރުގައި އޮތް ގޮތަށް ހިޖުރީ އައު އަހަރު ފެށޭނީ މިމަހުގެ ހަތެއްގައި، އަންނަ އާދިއްތަ ދުވަހެވެ.
ހިޖުރީ އައު އަހަރު ފެށޭ ދުވަހަކީ ރަސްމީ ގޮތުން އަބަދު ވެސް ސަރުކާރު ބަންދު ދުވަހެކެވެ.